ޚަބަރު

ފުލުހުންގެ ޚިދުމަތަށް ބަދަލުތައް މިދަނީ ގެންނަމުން - އިމްރާން


ކުށުގެ ވެއްޓަށް އަންނަމުދާ ބަދަލުތަކާއި ދާހިލީ ސަލާމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ފުލުހުންގެ ޚިދުމަތަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ގެންނަމުންދާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 87 ފުރުމުގެ މުނާސަބަތުގައި ފުލުހުންނަށް ތަހުނިޔާ އަރިސްކޮށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޓްވީޓަރ މެދުވެރިކުރައްވާ ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ މިދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއްކަމަށެވެ.

މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ދާހިލީ ސަލާމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު ފުލުހުންގެ ޚިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ. މިގޮތުން ފުލުހުން ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންގެ ލީޑަރ ޝިޕުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިމްރާން ވިދާޅުވިއެވެ.

" ހިރާއްޖޭގެ ދާހިލީ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށްޓަކައި ރެޔާ ދުވާލު ގޮންޖެހުންތަކާއި ކުރިމަތިލާ ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާކުރަން. ފުލުހުންގެ މި މަސައްކަތް އާއިލާތަކުގެ އެއްބާރުމާއި އެކު މެނުވީ ނުކުރެވޭނެ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ކަމުން ފުލުހުންގެ އަހަރީ ދުވަހުގެ ތަހުނިޔާ އާއިލާތަކަށްވެސް އަރިސްކުރަން. " ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ ފުލުހުންކަމަށެވެ. ފުލުހުންގެ ހުރިހާ ވަސީލަތްތަކާއި ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް ކޯވިޑް-19 އިން އަރައިގަތުމަށް ބޭނުންކުރަމުންދާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

" ފުލުހުންގެ މި ބުރަ މަސައްކަތުގައި ފުލުހުންގެ ދައުރު ފުރިހަމައަށް ބަލައިގަނެ ފުލުހުންގެ ޚިދުމަތުގެ އަގު ދިވެހި ސާރުކާރުން ވަޒަންކުރަން. " ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު މިވަނީ 87 އަހަރު ފުރިފައިއެވެ. ސިފައިންނާއި ފުލުހުން ވަކިކޮށް މަދަނީ ޚިދުމަތްދޭ ބަޔަކަށް ފުލުހުން ބަދަލުވީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރ 01 ވަނަ ދުވަހު އެވެ. ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ފަށާފައިވަނީ 1933 ވަނަ އަހަރުގެ މާރިޗު 29 ވަނަ ދުވަހުއެވެ.