ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި 60 ކިލޯއަށް ވުރެ ގިނަ ހެރޮއިން ވަނީ އަތުލައިގެންފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައިވަނީ މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މިމައްސަލައިގައި 11 ދިވެއްސަކުވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 7 މީހުން ހައްޔަރުކޮށްފައިވަނީ މަސްދޯންޏަކުން ކަމަށާއި އަނެއް 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ އަތުލައިގެންފައެވެ. އަދި މިމައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ މައްސަލައިގެ ތަޙުޤީގު ނިމި، ދަޢުވާކުރުމާއިމެދު ގޮތެއް ނިންމުމަށް އަންނަ ހަފްތާގެތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.