ޚަބަރު

ކޯވިޑް-19އާ ގުޅޭ ޗައިނާގެ ތަޖުރިބާތައް އެމެރިކާއާ ޙިއްޞާކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޗައިނާއިން ޙާޞިލުކޮށްފައިވާ ތަޖުރިބާތައް އެމެރިކާގެ ޞިއްޙީ އިދާރާތަކާ ޙިއްޞާކޮށްފިއެވެ.

ވޫހާން ސިޓީގައި ވީދިއޯ މެދުވެރިކޮށް ޗައިނާގެ ޞިއްޙަތާބެހޭ ތަޖުރިބާކާރުންވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޗައިނާގެ ޙަކީމީ ބޭސްވެރިކަމާއި ޒަމާނީ ބޭސް ބޭނުންކޮށްގެން ޙާޞިލުކުރި ކާމިޔާބީތަކުގެ މަޢުލޫމާތު އެމެރިކާގެ ޞިއްޙަތާބެހޭ ތަޖުރިބާކާރުންނަށް ދެއްވާފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޗައިނާގެ މަރުކަޒީ ސަރުކާރުން އެކުލަވާލި ސްޓީއަރިންގް ގްރޫޕްގެ މެންބަރެއްކަމަށްވާ ޖާންގް ބޮލީވަނީ ވައިރަސް ޖެހޭ މީހުންނަށް ފަރުވާދިނުމަށް ޗައިނާގެ ޙަކީމީ ބޭސްވެރިކަމުގެ މުހިންމުކަމާ އޭގެ ބޭނުންތެރިކަމާ ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. އެގޮތުން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 92.6 އިންސައްތަ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރީ ޗައިނާގެ ޙަކީމީ ބޭސްވެރިކަންކަމަށް ޖާންގް ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ޗައިނާއިން ޙާޞިލްކޮށްފައިވާ ތަޖުރިބާތަކުގެ މަޢުލޫމާތު ވީޑިއޯ މެދުވެރިކޮށް ހޯއްދެވި އެމެރިކާގެ ތަޖުރިބާކާރުންގެ ތެރޭގައި ނެބްރަސްކާއާއި ކޮލޮރާޑޯއާއި މިސޫރީގެ ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވައެވެ.