ކޯވިޑް-19ގެ ނުރައްކާ އޮތުމުން ފަލަސްޠީނު ރައްޔިތުން ޔަހޫދީ އާބާދީތަކުގައި ވަޒީފާއަދާކުރުން ހުއްޓާލަން ފަލަސްޠީނުގެ ސަރުކާރުން އެންގި އެނގުމަށް ދެކޮޅުހަދައިފިއެވެ. އިސްރާއީލުގެ ޔަހޫދީ އާބާދީތަކުގައި ވަޒީފާއަދާކުރާ ފަލަސްޠީނުގެ ރައްޔިތުން ބުނެފައިވަނީ ފަލަސްޠީނުގެ ސަރުކާރުން އެގޮތަށް އެންގިނަމަވެސް އެގޮތަށް އަމަލުކުރެވެން ނެތީ އާއިލާގެ ޚަރަދުތައް ހަމަޖެއްސުމަށް އާމްދަނީ ބޭނުންވާތީކަމަށެވެ.
އިސްރާއީލުގައި 700އެއްހާ މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އޭގެ ތެރެއިން ފަންސާހަކަށް މީހުން ތިބީ ފަލަސްޠީނުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރީގައެވެ. ފަލަސްޠީނުގެ ބޮޑުވަޒީރު މުޙަންމަދު ޝަތައްޔާވަނީ އިރުމަތީ ޤުދުސްއާއި ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީތަކުގައި ވަޒީފާއަދާކުރާ 25،000 ފަލަސްޠީނުގެ ރައްޔިތުން މަސައްކަތަށް ނުދިއުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޔަހޫދީ އާބާދީތަކުގައި ވަޒީފާއަދާކުރާ ފަލަސްޠީނުގެ ރައްޔިތުން ބުނަމުންދަނީ ވައިރަހުގެ ނުރައްކާ އޮތް ނަމަވެސް ވަޒީފާއަށް ނުކުތުން ހުއްޓާލެވެން ނެތީ ދަރިންނަށާއި އާއިލާއަށް ބޭނުންވާ ކާބޯތަކެތި ލިބޭނެ އެހެން ގޮތެއް ނެތުމުންކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ޔަހޫދީ އާބާދީތަކުގައި ވަޒީފާއަދާކުރާ ސަތޭކަހާޙެއްހާ މީހުންނަށް ވަރަށް ރަނގަޅު މުސާރައެއް ލިބޭކަމަށް އެމީހުން ބުނެއެވެ. އެގޮތުން ވަޒީފާއަދާކޮށްގެން ލިބޭ އާމްދަނީގެ މިންވަރު ފަލަސްޠީނުގައި މަސައްކަތްކޮށްގެން ލިބޭ ވަރަށްވުރެ އިތުރުކަމަށް އެމީހުން ބުނެއެވެ.
2018ވަނަ އަހަރު ފަލަސްޠީނުގެ ޤައުމީ އާމްދަނީގެ ގޮތުގައި ލިބުނު 18 ބިލިއަން އެމެރިކާ ޑޮލަރުގެ 14 އިންސައްތަ ޙިއްސާކުރަނީ އިސްރާއީލުގައި ވަޒީފާއަދާކޮށްގެން ފަލަސްޠީނުގެ ރައްޔިތުންގެ ހޯދާ އާމްދަނީއެވެ.