ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާތީ ޤުދުސްގެ މަގުތައް ހުސްވެ ފަޅުވެއްޖެއެވެ.
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދުވަނީ %40 އިތުރުވެފައެވެ. އެޤައުމުން ވައިރަހުގެ އަސަރުކޮށްފައިވާ 433 މީހުން މިހާތަނަށް ފެނިފައިވެއެވެ ނަމަވެސް ވައިރަހުގެ ސަބަބުން އެޤައުމުގައި އަދި މީހަކު މަރުވެފައެއް ނުވެއެވެ.
ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ފެންނަ ޢަދަދު އިތުރުވެފައިވަނީ ވައިރަހަށް ތަޚުލީލުކުރުމުގެ ނިޡާމް ހަރުދަނާކޮށް ގިނަ ޢަދަދެއްގެ މީހުން ތަޚުލީލުކުރާތީކަމަށް އެޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެއެވެ. އިސްރާއީލުގައި ދުވާލަކު އެންމެ މަދުވެގެން 3،000 މީހުން ވައިރަހަށް ތަޚުލީކުކުރާނެކަމަށް ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވެއެވެ. އެޤައުމުގެ މީހުން ގޭގައި މަޑުކުރުމަށް ބާރުއަޅާ، މީހުން ބޭރުތެރޭގައި އުޅޭ ނޫޅޭގޮތް ކެމެރާއާއި އިންޓަނެޓު މެދުވެރިކޮށް ބެލުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މުޅި ޤައުމު ބަންދުކުރުމުގެ ފުރުޞަތު އެބައޮތްކަމަށް އެޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. އިސްރާޢީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިން ކޯވިޑް-19ގެ އަސަރުކޮށްފައިވާ 44 މީހުން މިހާތަނަށް ފެނިފައިވެއެވެ. ނަމަވެސް ވައިރަހުގެ ސަބަބުން އެއްވެސް މީހަކު އެސަރަޙައްދުން މަރުވެފައެއް ނުވެއެވެ. ތޮއްޖެހިފައިވާ ޣައްޒާއިން ވައިރަސް ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައެއް ނުވެއެވެ.