ކޯވިޑް-19ގެ އަސަރު ނުކުރާނެކަމަށް އެއްވެސް މީހަކު ދެކިގެންނުވާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ގެބްރިއޭސުސް ވިދާޅުވީ އެއްވެސް ޤައުމަކުން ކޯވިޑް-19ގެ އަސަރު އެޤައުމަކަށް ނުކުރާނެކަމަށް ދެކިގެން ނުވާނެކަމަށެވެ. އަދި ވައިރަހުގެ އަސަރު ފޯރާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވެ ތިބުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ވައިރަސް ފެތުރޭ މިންވަރު ދަށްކުރުމަށް ވައިރަހަށް ޝައްކުކުރެވޭ އެންމެން ހަލުވިކަމާއެކު ތަޚުލީލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ގެބްރިއޭސުސް ވިދާޅުވީ މިދުވަސްކޮޅު އިޖްތިމާޢީ ދުރުކަން ބެހެއްޓުމަށް ސަމާލުވާންޖެހޭކަމަށެވެ. އަދި އެއްވެ އުޅުން މަދުކޮށް، ވައިރަސް ގަދަޔަށް ފެތުރެންފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.
ދެކުނު ކޮރެޔާ މިސާލެއްގެގޮތުގައި ނަންގަވާ ގެބްރިއޭސުސް ވިދާޅުވީ އެޤައުމުންވަނީ ވައިރަހަށް ތަޚުލީލުކުރެވޭ މިންވަރު އިތުރުކޮށް، އެޤައުމުގެ ރައްޔިތުންނަށް ވައިރަސް ފެތުރޭ ގޮތާއި ގުޅޭގޮތުން މަޢުލޫމާތުދީ ހޭލުންތެރިކޮށްފައިކަމަށެވެ. އަދި ވައިރަހުގެ އަސަރު ކޮށްފައިވާ މީހުންނާއި ބައްދަލުވި މީހުން ދެނެގަތުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ބަލިފެތުރޭ މިންވަރު އެޤައުމުގައި ވަރަށް ބޮޑަށް ދަށްކުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނީ ހުރިހާ ޤައުމަކުންވެސް އެއްކޮށް މަސައްކަތްކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ 176 ޤައުމުތަކާއި ސަރަޙައްދުތަކުން މިހާތަނަށް 220،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ގެ އަސަރުކޮށްފައިވެއެވެ. އަދި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 9،000އާ ގާތްކޮށްފައެވެ.