ޚަބަރު

ކޯވިޑް-19ގެ ސަބަބުން ތާޖު މަހަލާއި އިންޑިޔާގެ މަޝްހޫރު ތަންތަން ބަންދުކޮށްފި


ކޯވިޑް-19ން ސަލާމަތްވުމަށް އަޅާ ރައްކާތެރި ފިޔަވަޅެއްގެގޮތުން ދުވާލަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ އިންޑިޔާގެ ތާޖު މަހަލް ބަންދުކޮށްފިއެވެ. މުޅި ދުނިޔެއަށް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތާޖް މަހަލުގެ އިތުރުން އެޤައުމުގެ މަޝްހޫރު އެހެން މަންޒިލުތަކާއި ދާރުލްއާސާރުތައްވަނީ ބަންދުކޮށްފައެވެ. މަދަރުސާތަކާއި ވިޔަފާރިކުރާ މަރުކަޒުތަކާއި ސިނަމާތަކާއި ޖިމްތައް ބަންދުކޮށް ޢާންމުން އެއްވެ އުޅުންވަނީ މަނާކޮށްފައެވެ.

އިންޑިޔާގައި ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ މަހާރަޝްތްރާ ސްޓޭޓުގައެވެ. އެސްޓޭޓުގައި އޮންނަ އެޤައުމުގެ މައި މަލީ މަރުކަޒުކަމުގައިވާ މުމްބާއީގެ ގިނަ އިދާރާތައްވަނީ ބަންދުކޮށްފައެވެ. އަދި ކޮންމެހެން ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ދެމުންދާ އިދާރާތައް ބަންދުނުކުރިނަމަވެސް އެއިދާރާތަކުގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ ޢަދަދު މަދުކުރުމަށް ސަރުކާރުންވަނީ އަންގާފައެވެ. 18 މިލިއަން މީހުން ދިރިއުޅޭ މުމްބާއި ސިޓީގައި ގޭގައި އެކަހެރިވުމަށް އެންގޭ މީހުންގެ އަތުގައި ނުފޮހެވޭ ދެލިން ސްޓޭމްޕެއް ޖެހުމަށްވަނީ ހުއްދަދީފައެވެ. އަދި އެކަހެރިވެގެން ހުންނަން ޖެހޭ މުއްދަތު ނިމޭނެ ދުވަސް އެސްޓޭމްޕުގައި ޖަހާފައިވެއެވެ.

އިންޑިޔާގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ ސަތޭކަ ސާޅީސް ހަތަކަށް އިތުރުވެފައެވެ. އަދި ތިން މީހަކު މިހާތަނަށްވަނީ މަރުވެފައެވެ. އެކި ޤައުމުތަކަށް ދޫކޮށްފައިވާ ވިސާތައް ބަލައިގަތުން ވަގުތީގޮތުން އިންޑިޔާއިންވަނީ މެދުކަނޑާލާފައެވެ. އަދި ވިލާތުގެ ޤައުމުތަކުން އިންޑިޔާއަށް މީހުން އެތެރެވުންވެސްވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އެޤައުމުގެ ރައްވެހިންވެސް ހިމެނެއެވެ.

އިންޑިޔާއިން މިހާރުދަނީ އެޤައުމުގައި ވައިރަސް ފެތުރިފައިވާ މިންވަރު ކަށަވަރުކުރުމަށް ދިރާސާތަކެއް ކުރަމުންނެވެ. އެދިރާސާތަކުން އިންޑިޔާގައި ވައިރަސް މިހާރު ފެންނަނީ ބޭރު ޤައުމުތަކަށް ދަތުރުކޮށްފައިތިބި މީހުން ނުވަތަ އެމީހުންނާ ބައްދަލުވެފައިތިބި މީހުންގެ ގައިންކަން ޔަޤީން ކުރާނެއެވެ. އިންޑިޔާގެ އަވަށްޓެރި ޕާކިސްތާނުގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ވައިރަހުގެ އަސަރުކޮށްފައިވާކަމަށް ބެލެވޭ މީހުން އެކަހެރިކުރުމުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން އެޤައުމުން ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު ވޭތުވެދިޔަ ދެދުވަހުގެ ތެރޭގައިވަނީ ދެގުނައަށް އިތުރުވެފައެވެ. މިހާރު އަމަލުކުރަމުންދާ އުޞޫލަށްވުރެ ހަރުދަނާ އިންތިޒާމުތައް ހަމަޖެއްސުމުގެ މުހިންމުކަން އެޤައުމުންވަނީ ފާހަގަކޮށްފައެވެ. ޕާކިސްތާނުގެ ސަރުކާރުންވެސް ވަނީ މަދަރުސާތަކާއި ވިޔަފާރިކުރާ މަރުކަޒުތަކާއި ރެސްޓޯރަންޓުތައް 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. އަދި ރަސްމީ އިދާރާތައް ބަންދުކޮށް އެޤައުމުގެ ކުރިކެޓު ލީގުވެސްވަނީ ފަސްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން އެޤައުމުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެޤައުމުގައި ވައިރަހުގެ އަސަރު މިހާތަނަށް 247 މީހަކަށް ކޮށްފައިވެއެވެ.