ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިގެ ތެރޭގައި އެތައް ގަޑިއިރެއް ވަންދެން މަރުނުވެ ދެމިހުންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސަސުން ޢާންމުކުރި ދިރާސާއެއް ދައްކާގޮތުގައި ވައިރަސް ޖެހިފައިވާ މީހެއް ކެއްސާ ކިނބިހިއަޅާ ހެދުމުން ގޭތެރެގައާއި ހަސްފަތާލުފަދަ ތަންތަނުގައި ހުންނަ ތަކެތީގައި ވައިރަސް ހަރުލައެވެ. އަދި ޢާންމުކޮށް އުޅޭ ތަންތަނާއި އަތްލާ ތަކެތީގައި ވައިރަހުގެ އަސަރު ދެމިހުންނަ މުއްދަތު އެއިދާރާގެ ސައިންސްވެރިންވަނީ ނަކަލުކޮށްފައެވެ.
ތަޙުލީލުތަކުން ދައްކާގޮތުގައި ކެއްސާ ކިނބިހިއެޅުމުން ވައިގެ ތެރެއަށް ދޫވާ ޖަރާސީމު 3 ގަޑިއިރު ވަންދެން ބާރުނުކެނޑި ދެމިހުރެއެވެ. އެވަގުތުގެ ތެރޭގައި އެހެން މީހުންނަށް ވައިރަހުގެ ނުރައްކާ ބޮޑެވެ. އަދި ފަސޭހަކަމާއެކު އެހެން މީހުންނަށް ވައިރަހުގެ އަސަރުކުރެއެވެ. ޕްލާސްޓިކާއި އެސްއެސް ފަށަލަތަކުގައި 3 ދުވަސް ވަންދެން ވައިރަހަށް ދެމިހުރެވޭކަމަށް ތަޙުލީލުން ދައްކައެވެ. ކާޑުބޯޑު ފަށަލަތަކުގައި ހަރުލާ ވައިރަހުގެ ބާރު ކެނޑެނީ 24 ގަޑިއިރު ފަހުންނެވެ. އަދި ރަތުލޯ ފަށަލަތަކުގައި ހުންނަ ވައިރަހުގެ ބާރު ހަތަރު ގަޑިއިރުގެ ތެރޭގައި ކެނޑެއެވެ.
ވައިގެ ތެރޭގައި ހުންނަ ޖަރާސީމުގެ ބާރު އެއްކޮށް ކެނޑެން 3 ގަޑިއިރު ނެގިނަމަވެސް 61 މިނެޓު ތެރޭގައި ޖަރާސީމުގެ ބާރު ދެބައިކުޅައެއްބަޔަށް ބަލިކަށިވެއެވެ. އިތުރު އެއްގަޑިއިރު ފަހުން ބަލި ފެތުރުމުގެ ބާރު ޖަރާސީމުގައި ހުންނާނީ ވައިރަހުގެ %25ގައިކަމަށް ސައިންސުވެރިން ބުނެއެވެ. ހަމައެގޮތަށް އެސްއެސް ފަށަލަތަކުގައި ހުންނަ ޖަރާސީމުގެ ބާރު ދެގުނައަށް ދައްވުމަށް 5 ގަޑިއިރާއި 38 މިނެޓުނަގައެވެ. ޕްލާސްޓިކު ފަށަލަތަކުގައި ހުންނަ ޖަރާސީމުގެ ބާރު އެމިންވަރަށް ދަށްވުމަށް 6 ގަޑިއިރާއި 49 މިނެޓު ނަގާކަމަށް ސައިންސުވެރިން ބުނެއެވެ. އަދި ކާޑުބޯޑު ފަށަލަތަކުގައި ހުންނަ ޖަރާސީމުގެ ބާރު ދެގުނައަށް ދަށްވާން ނަގަނީ 6 ގަޑިއިރާއި 49 މިނެޓެވެ.
އެންމެ އަވަހަށް ޖަރާސީމުގެ ބާރު ކެނޑެނީ ރަތުލޯ ފަށަލަތަކުންނެވެ. ރަތުލޯ ފަށަލަތަކުގައި ހުންނަ ވައިރަހުގެ ބާރު 46 މިނެޓުތެރޭ ދެގުނައަށް ދައްވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. ނަތީޖާތަކުގައި އެކި ފަހަރު އެކިގޮތަށް އެޢަދަދުތައް ބަދަލުވަމުންދާތީ އެޢަދަދުތަކަށް އެއްކޮށް ބަރޯސާ ނުވުމަށް ސައިންސުވެރިންވަނީ ލަފާދީފައެވެ.