ކުޅިވަރު

ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފި


އަންނަ ޖޫން މަހު ބާއްވަން ނިންމާފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން މިގޮތަށް ނިންމީ މެމްބަރު ޤައުމުތަކާއެކު މިއަދު ބޭއްވި ކުއްލި ވީޑިއޯ ކޮންފަރެސް ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހުގައެވެ. އެއީ ދުނިޔޭގައި މިހާރު ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ ލީގުތައް މެދުކަނޑާލަންޖެހި މުބާރާތް ބޭއްވޭނެ މާހައުލެއް ނެތުމުންނެވެ. މުބާރާތް ލަސްކުރި މައިގަނޑު ސަބަބަކީ ވެސް ޔޫރަޕުގެ ލީގުތައް ނިންމަން މެމްބަރު ގައުމުތަކުން ބޭނުންވެ އެކަމަށް ވަގުތުދޭން ގޮވާލުމުންނެވެ. ނަމަވެސް މި ނިންމުން ޔޫއޭފާގެ ސިއްކަ ޖަހައި އިއުލާނުކުރާނީ އަދި ފަހުންނެވެ.

ޔޫރަޕުގެ 12 ގައުމެއްގައި ކުޅެ އިނގިރޭސިވިލާތުގައި ނިންމަން ރާވައިފައިވާ މުބާރާތް ދެން އޮންނާނީ އަންނަ އަހަރުގެ ޖޫން 12އިން ޖުލައި 12 އަށެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރަޕުގެ މަޝްހޫރު ލީގުތައް ވަނީ ހުއްޓާލައިފައެވެ. އޭގެ ތެރޭގައި ސްޕޭނާއި އިނގިރޭސިވިލާތް އަދި ފްރާންސާއި އިޓަލީގެ ލީގު ހިމެނޭ. އަދި ޔޫއޭފާއިން އިންތިޒާމްކުރާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ވަނީ ހުއްޓާލައިފައެވެ.