ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް ޖަރުމަނުވިލާތުން ތައްޔާރުކުރާ ވެކްސިން ހޯދުމުގެ ޝައުޤުވެރިކަން އެމެރިކާއިން ފާޅުކޮށްފި


ކޯވިޑް-19އާ ދެކޮޅަށް ޖަރުމަނުވިލާތުގެ އަމިއްލަ ކުންފުންޏަކުން ތައްޔާރުކުރަމުންދާ ވެކްސިނެއް ގަތުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާކަން ހާމަވެއްޖެއެވެ. ޖަރުމަނުވިލާތުގެ ޞިއްޙަތާއިބެހޭ ވުޒާރާއިންވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާގޮތުގައި ޖަރުމަނުވިލާތުގެ ކިޔޯވެކް ކުންފުނިން ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުންދާ ވެކްސިންގެ ދިރާސާތައް އެމެރިކާއަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްދަނީ ބާރުއަޅުއްވަމުންނެވެ. އަދި އެކަން ޙާޞިލްކުރުމަށް ބޮޑެތި ޢަދަދުތަކުން ފައިސާ އެކުންފުންޏަށްދަނީ ހުށަހަޅުއްވަމުންނެވެ. ޓްރަމްޕް ބޭނުންވަނީ ހަމައެކަނި އެމެރިކާގައި އަލަށް ތައްޔާރުކުރެވޭ ވެކްސިން ބޭނުންކުރުމަށްކަމަށް އެނގިފައިވެއެވެ. ނަމަވެސް އެމެރިކާގެ ހުށަހެޅުންތަކަށްވުރެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުމަށް ޖަރުމަނުވިލާތުގެ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އެޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިންވަނީ ބުނެފައެވެ. އަދި ތައްޔާރުކުރެވޭ ވެކްސިނެއްގެ ފުރިހަމަ ބާރު އެއް ޤައުމަކަށް ލިބިގެން ނުވާނެކަމަށް ޖަރުމަނުވިލާތުން ބުނެއެވެ.

ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި ހުންނަ އެމެރިކާގެ ޚާރިޖިއްޔާއިން އެކަމާގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި ކިޔޯވެކް ކުންފުނީގެ ބަހެއްވެސް ނުލިބެއެވެ.

ކިޔޯވެކް ކުންފުނިން ތައްޔާރުކުރަމުންދާ ވެކްސިން ޖޫން ނޫނީ ޖުލައި މަހުގެ ތެރޭގައި ތައްޔާރުވާނެކަމަށް ބެލެވެއެވެ. އެއަށްފަހު އިންސާނުން ބޭނުންކޮށްގެން ވެކްސިން ތަޙުލީލުކުރުމުގެ ހުއްދައަކަށް އެކުންފުނިން އެދޭނެއެވެ. މިހާތަނަށް ކޮށްފައިވާ ދިރާސާތަކުންނާއި ތަޙުލީލުތަކުން ވެކްސިން ކާމިޔާބުވަނެކަމުގެ ނިޝާންތަކެއް ފެނިފައިވޭކަމަށް އެކުންފުނިން ބުނެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފެއްދުމަށް އަށާރަ މަސްދުވަސް ނަގާނެކަމަށް ކިޔޯވެކާ ވާދަކުރާ އެމެރިކާގެ މޮޑަރނަރ ކުންފުނިންވަނީ ބުނެފައެވެ.