ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެންފެށުނު ޗައިނާގައި ދެވަނަ ފަހަރަށް އެވައިރަސް ފެތުރުމުގެ ފުރުޞަތު ކުޑަކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.
ޗައިނާގައި ވައިރަހުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ވުހާން ސިޓީގައި މަސައްކަތްކުރެއްވި ޞިއްޙީ ތަޖުރިބާކާރެއްކަމަށްވާ ކައޯ ވެއީ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެންފެށި ވައިރަހާ ދެކޮޅަށް 3 މަސް ދުވަސް ވަންދެން ކުރި މަސައްކަތް ކާމިޔާބުކަމަށާއި ވައިރަސް ފެތުރުން އެއްކޮށްހެން ހުއްޓުވިފައިވާކަމަށެވެ. ނަމަވެސް ރަސްމީކޮށް ގޮތެއް ނިންމުމުގެ ކުރިން އިތުރު 1 މަސް ދުވަސް ވަންދެން ޙާލަތު ގާތުން ބަލަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނަމަ ދެވަނަ ފަހަރަށް އެޤައުމުގައި ވައިރަސް ފެތުރޭނެކަމަށް ނުބެލެވޭކަމަށް ކައޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެވެސް ވަރަކަށް ވައިރަސް އަލަށް ޖެހޭ މީހުން ފެނުނުނަމަވެސް އެޢަދަދު ދަށް މިންވަރެއްގައި ހިފެހެއްޓޭނެކަމުގެ ޔަޤީންކަން އޮތްކަމަށެވެ. މިހާރު ފެންނަމުންދާ އާ ކޭސްތަކަކީ އެޤައުމަށް ބޭރު ޤައުމުތަކުން އަންނަ މީހުންގެ ކިބައިން ބަލި ޖެހޭ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ވައިރަސް ފެތުރުން ހުއްޓުވުމަށް ބައްޔަށް ފަރުވާކުރުމަށްވުރެ މުހިންމުކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުންކަމަށް ޗައިނާގެ ޑޮކްޓަރުން ބުނެއެވެ. އަދި ކޮންމެ ޙާލަތަކަށްވެސް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން އެމީހުން ފާހަގަކުރެއެވެ.
ޗައިނާގެ ތަޖުރިބާކާރުންދަނީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ޞިއްޙީ ޚިދުމަތްތެރިން އަމިއްލަ ޞިއްޙަތަށް ރައްކާތެރިވުމަށް ނަޞޭހަތްތެރިވަމުންނެވެ. އެއީ ވައިރަސް ޖެހޭ މީހުންނަށް އެންމެ ރަނގަޅަށް ފަރުވާދިނުމަށާއި އަމިއްލަ ޢާއިލާގެ ރައްކާތެރިކަން ކަށަވަރުކުރަންކަމަށް އެމީހުން ބުނެއެވެ.
އޭގެ އިތުރުން ޢާންމުންނަށް ވައިރަހުން ރައްކާތެރިވާނެ ގޮތްތައް ބުނެދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލާއި ސާފުތާޙިރުވުމާއި ރަނގަޅަށް އަތްދޮވުމާއި މާސްކުއެޅުމުގެ މުހިންމުކަން ޑޮކްޓަރުން ފާހަގަކުރެއެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ޢާންމުންނަށް ބާރުއަޅައެވެ.