ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ 162 ޤައުމަކާއި ސަރަޙައްދަކަށް ކޯވިޑް-19 ފެތުރި، 182,820 މީހުންނަށް އެވައިރަހުގެ އަސަރުކޮށް، 7,174އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
ގޮތްނޭނގޭ ނުރައްކާތެރި ވައިރަހެއް ފެރުރެމުންދާކަމަށް ޗައިނާއިން އެންމެ ފުރަތަމަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް އެންގީ ޑިސެންބަރު 31ވަނަ ދުވަހުގައެވެ. އަދި ވައިރަސް ފެތުރުނުކަމަށް ބެލެވުނު ވުހާން ހޯލްސޭލް ސީފުޑު މާކެޓު ޖެނުއަރީ 1ވަނަ ދުވަހު ޗައިނާގެ ސަރުކާރުން ބަންދުކުރިއެވެ. ފެތުރެމުންދަނީ ސާސް ރޯގާ ނޫންކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކޮށް، އައު ވައިރަހުން ރައްކާތެރިވުމަށް ގޮވާލާފައިވަނީ ޖެނުއަރީ 7ވަނަ ދުވަހުއެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ޖެހިގެން މީހަކު މަރުވިކަމަށް ޗައިނާއިން ބުނީ ޖެނުއަރީ 11ވަނަ ދުވަހުއެވެ. އެމީހަކީ ސީފުޑު މާރުކޭޓަށް ދިޔަ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ.
ޗައިނާއިން ބޭރުގައި މީހަކަށް ވައިރަސް ޖެހިފައިވާކަން އިޢުލާންކޮށްފައިވަނީ ޖެނުއަރީ 13ވަނަ ދުވަހުއެވެ. އެއީ ވުހާނުން ތައިލެންޑަށް ދިޔަ އަންހެނެކެވެ. ޖެނުއަރީ 16ވަނަ ދުވަހު ވުހާނަށް ދަތުރުކުރި ފިރިހެނެއްގެ ގައިން ވައިރަސް ފެނިފައިވާކަމަށް ޖަޕާނުން ހާމަކުރިއެވެ. ވައިރަހުގެ ސަބަބުން އިތުރު މީހަކު މަރުވުމުން ޖެނުއަރީ 17ވަނަ ދުވަހު އެމެރިކާގެ ބައެއް އެއަރޕޯޓުތަކުގައި ސްކްރީންކުރުމުގެ މަސައްކަތް ފެށިއެވެ. އޭރު ވައިރަސް ޖެހިފައިވާ މީހުންވަނީ އެމެރިކާއާއި ނޭޕާލާއި ފަރަންސޭސިވިލާތާއި އޮސްޓްރޭލިޔާއާއި މެލޭޝިޔާއާއި ސިންގަޕޫރާއި ދެކުނު ކޮރެޔާއާއި ތައިލެންޑާއި ތައިވާނުން ފެނިފައެވެ.
އެތައް ސަތޭކަ ބަޔަކަށް ވައިރަސް ޖެހި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން ޗައިނާގެ ސަރުކާރުން ވުހާން ސިޓީއަށް ވަދެނުކުތުން މަނާކޮށްފައިވަނީ ޖެނުއަރީ 23ވަނަ ދުވަހުއެވެ. އަދި ވައިގެ މަގުންނާއި އެއްގަމު މަގުން ހޫބައި ޕްރޮވިންސްގެ އިތުރު ދެސިޓީއަކަށް ދަތުރުކުރުންވެސް މަނާކުރިއެވެ. އެނިންމުމުގެ އަސަރު 41 މިލިއަން މީހުންނަށް ކުރިއެވެ. ހަމަ އެދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވަނީ ޗައިނާއިން ބޭރުގައި ވައިރަސް ފެތުރޭކަމުގެ ހެއްކެއް ނެތްކަމަށާއި ބައިނަލްއަޤުވާމީ ޞިއްޙީ ކާރިޘާއެއް އިޢުލާންކުރުމަށް އަދި އަވަސްކަމަށެވެ. ފެތުރެމުންދާ ވައިރަހަކީ ބައިނަލްއަޤުވާމީ ޞިއްޙީ ކާރިޘާއެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކުރީ ޖެނުއަރީ 31ވަނަ ދުވަހުއެވެ. އޭރު ޗައިނާގެ 31 ޕްރޮވިންސަކުން 7,711 މީހަކަށް ވައިރަސް ޖެހި، 170 މީހުން މަރުވެއްޖެއެވެ. ހަމަ އެދުވަހު ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ އިންޑިޔާއާއި ރަޝިޔާއާއި ސްޕެއިންނާއި ސްވިޑެންނާއި އިނގިރޭސިވިލާތުން ވައިރަސް ޖެހިފައިވާ މީހުން ފުރަތަމަ ފަހަރަށް ފެނުނެވެ.
ފެބުރުއަރީ 2ވަނަ ދުވަހު ވައިރަސް ޖެހިގެން ޗައިނާއިން ބޭރުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިއެވެ. ޗައިނާއަށް ނިސްބަތް އެފިރިހެން މީހާ މަރުވީ ފިލިޕީންސްގައެވެ. ފެތުރެމުންދާ ވައިރަހަށް އެއްވެސް ފަރުވާއެއް ނެތްކަން ފެބުރުއަރީ 5ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކުރިއެވެ. ގައިން ގަޔަށް ވައިރަސް އަރާފައިވާ އެންމެ ފުރަތަމަ ކަށަވަރުކުރެވުނީ ފެބުރުއަރީ 6ވަނަ ދުވަހުއެވެ. ގައިން ގަޔަށް ވައިރަސް އަރަމުންދާކަމަށް އެންމެ ފުރަތަމަ ބުނީ މެލޭޝިޔާއިންނެވެ.
ނުރާއްކާތެރި ސާސް ރޯގާގެ ސަބަބުން މަރުވި މީހުންނަށްވުރެ ގިނަ މީހުން އަލަށް ފެރުރެމުންދާ ވައިރަހުގެ ސަބަބުން މަރުވެފައިވާކަމަށް ޗައިނާއިން ބުނީ ފެބުރުއަރީ 9ވަނަ ދުވަހުއެވެ. އެހާހިސާބަށް ޗައިނާގެ 37,198 މީހަކަށް ވައިރަސް ޖެހި، 811 މީހުންވަނީ މަރުވެފައެވެ. ހަމަ އެދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ވަފުދެއް ޗައިނާއަށް ދިއުމުގެ ދަތުރުފެށިއެވެ. އަލަށް ފެތުރެމުންދާ ވައިރަހަށް ކިޔާ ނަމަކީ ކޯވިޑް-19ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކުރީ ފެބުރުއަރީ 11ވަނަ ދުވަހުއެވެ.
ޖަޕާނުގެ ޔޮކޮހާމާގެ ބަނދަރުގައި އަޅާފައިވާ އޮތް ޑައިމަންޑް ޕްރިންސަސް ނަމަކަށް ކިޔާ ކުރޫޒްލައިނާއެއްގައި ކޯވިޑް-19 ޖެހިފައިވާ 175 މީހުން ތިބިކަން އެޤައުމުގެ ސަރުކާރުން ބުނީ ފެބުރުއަރީ 12ވަނަ ދުވަހުއެވެ. ކޯވިޑް-19ން ރައްކާތެރިވުމުގެގޮތުން އުތުރު ކޮރެޔާއަށް ބޭރު ޤައުމެއްގެ އެއްވެސް މީހަކަށް ނުވަދެވޭނެކަން އެޤައުމުގެ ސަރުކާރުން ފެބުރުއަރީ 13ވަނަ ދުވަހު އިޢުލާންކުރިއެވެ. އެއީ ޗައިނާ ފިޔަވާ އެހެން ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އެފްރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވާކަން އިޢުލާންކޮށްފައިވަނީ ފެބުރުއަރީ 14ވަނަ ދުވަހުއެވެ. އެމީހާ ފެނުނީ މިޞްރުންނެވެ. ހަމަ އެދުވަހު ކޯވިޑް-19 ޖެހިފައިވާ މީހަކު މަރުވެފައިވާކަމަށް ފަރަންސޭސިވިލާތުން ބުންޏެވެ. އެއީ ވިލާތުގައި ކޯވިޑް-19 ޖެހިގެން މީހަކު މަރުވި ފުރަތަމަ މީހާއެވެ. އެހިސާބުން ޗައިނާއިން އަންނަ މީހުން ނުވެއްދުމަށް ގިނަ ޤައުމުތަކުންވަނީ ނިންމާފައެވެ.
ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މަދުވަމުންދާކަމަށް ޗައިނާއިން ބުނެފައިވަނީ ފެބުރުއަރީ 18ވަނަ ދުވަހުއެވެ. އޭރު ކޯވިޑް-19ވަނީ މެދުއިރުމަތީގައިވެސް ފެތުރެން ފަށާފައެވެ. ޚާއްޞަކޮށް އީރާނުގެ ގިނަ ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހުނެވެ.
ދުނިޔޭގައި 5ވަނައަށް އެންމެ ގިނައިން ކޯވިޑް-19 ޖެހިފައިވާ މީހުން ތިބި ދެކުނު ކޮރެޔާގައި ވައިރަހުގެ ސަބަބުން މީހަކު މަރުވީ ފެބުރުއަރީ 20ވަނަ ދުވަހުއެވެ. ފެބުރުއަރީ 21ވަނަ ދުވަހު ކޯވިޑް-19 ޖެހިގެން އިޓަލީވިލާތުގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިއެވެ. އޭރު އީރާނުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 5އަކަށް އަރާފައެވެ.
ކުވައިތާއި ބަޙުރައިނާއި ޢިރާޤާއި އަފްޣާނިސްތާނާއި އޮމާނުން ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވާކަން އިޢުލާންކުރީ ފެބުރުއަރީ 24ވަނަ ދުވަހުއެވެ. ފެބުރުއަރީ މަސް ނިމުމުގެ ކުރިން ކޯވިޑް-19ވަނީ ނޯވޭއާއި ރޮމޭނިޔާއާއި ގްރީސާއި ޖޯޖިޔާއާއި ޕާކިސްތާނާއި ނޯތު މެސެޑޯނިޔާއާއި ބްރެޒިލާއި އެސްޓޯނިޔާއާއި ޑެންމާކާއި ނޯތު އަޔަރލެންޑާއި ނެދަލެންޑްސްއާއި ޤަތަރާއި އިސްރާއީލަށް ފެތުރިފައެވެ.
ތޫނިސިޔާއާއި އުރުދުން ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވާކަން އިޢުލާންކުރީ މާރިޗު 2ވަނަ ދުވަހުއެވެ. އަދި ކޯވިޑް-19 ޖެހިގެން 77 މީހުން މަރުވެފައިވާކަން މާރިޗު 3ވަނަ ދުވަހު އިޓަލީވިލާތުންވަނީ ބުނެފައެވެ. ހަމަ އެޢަދަދަށް އީރާނުގައިވެސް މީހުން މަރުވެފައިވެއެވެ. މާރިޗު 7ވަނަ ދުވަހާ ހަމައަށް ދުނިޔޭގެ 90 ޤައުމަކާއި ސަރަޙައްދަކުން 102،000 މީހަކަށް ކޯވިޑް-19 ޖެހި، 3،500 މީހުންވަނީ މަރުވެފައެވެ.
ކޯވިޑް-19އަކީ މުޅި ދުނިޔެއަށް އޮތް ނުރައްކާތެރި ބަލިމަޑުކަމެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކުރީ މާރިޗު 11ވަނަ ދުވަހުއެވެ.