ޚަބަރު

މާސްޓަރޝެފް މޯލްޑިވްސްއަށް ޖަޖުންނާއި ފުޑް ސުޕަވައިޒަރުން ހޯދަނީ


މާސްޓަރޝެފް މޯލްޑިޗްސް ފްރެންޗައިޒް ޝޯވގެ ޖަޖުން އަދި ފުޑް ސުޕަވައިޒަކަށް ވުމުގެ ފުރުޞަތު ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއިން ހުޅުވާލައިފިއެވެ.

ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރ އިބްރާހިމް ނަސްރީން ވިދާޅުވީ މާސްޓަރޝެފް މޯލްޑިވްސްގެ ޖަޖަކަށް ވެވޭނީ ހަމައެކަނި ޝެފަކަށް ނޫންކަމަށެވެ. ކާނާ ތައްޔާރުކުރާ މީހުންގެ އިތުރުން، ކެއްކުމާގުޅޭ ލިއުންތައް ލިޔާ ފަރާތްތަކާއި، ބްލޮގްތައް ހިންގާ ފަރާތްތަކަށްވެސް މާސްޓަރޝެފް މޯލްޑިވްސްގެ ޖަޖަކަށް ވެވިދާނެކަމަށެވެ. އަދި މާސްޓަރޝެފް މޯލްޑިވްސް ގައި ބައިވެރިވާ ފުޑް ސުޕަވައިޒަރުން ވެގެންދާނީ ބައިވެރިންނާއިއެކު ޝޯވގެ ބޮޑު ބައެއް އަދާކުރާނެ ފަރާތްތަކަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކި ޝޯވގެ އެކި ބައިތަކުގައި ހަރަކާތްތެރިވުމާއި، ފުޑް ޕޭންޓްރީތައް ބެލެހެއްޓުމާއި ޝޯވގެ ޕްރޮޑަކްޝަންގެ ބޮޑު ދައުރެއް ފުޑް ސުޕަވައިޒަރުން އަދާކުރާނެކަމަށް ނަސްރީން ވިދާޅުވިއެވެ.

ޕީއެސްއެމްއިން ރާއްޖޭއަށް ތައާރަފްކޮށްފައިވާ މާސްޓަރޝެފް މޯލްޑިވްސްގެ ޖަޖުންގެ ޕެނަލުގައި ހަރަކާތްތެރިވުމާއި، ޝޯވގައި ބައިވެރިވާ ޝެފުންގެ ސުޕަވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މިކަމާގުޅެ އިތުރު މަޢުލޫމާތު www.psm.mv ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު 3000207 އަށް ގުޅުއްވާ ނުވަތަ [email protected] މެއިލް ކުރުމަށް ޕީއެސްއެމްއިން އެދެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ޓީވީއެމްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެންޑެމޯލް ޝައިން ކުންފުނީގެ ފްރެންޗައިޒް، "މާސްޓަޝެފް މޯލްޑިވްސް" ލޯންޗްކޮށްދެއްވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ.

މި ރަސްމިއްޔާތުގައި "މާސްޓަޝެފް މޯލްޑިވްސް"ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގުއެވެ. މީގެއިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ވަނީ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

1990ގައި އިގިރޭސިވިލާތުގައި އަލަށް ދައްކަންފެށި މާސްޓަޝެފްގެ މޭސްތިރިއަކީ ފްރޭން ރެޑޮންއެވެ. ގިނަ އަހަރުތަކެއް ވަންދެން ބީބީސީއިން ގެނެސްދިން ޝޯވ ކުޑަ މެދުކެނޑުމަކަށް ފަހު އަލުން ފަށާފައި ވަނީ 2005 ވަނަ އަހަރުއެވެ. އޭގެ 4 އަހަރު ފަހުން "މާސްޓަޝެފް އޮސްޓޭލިޔާ"އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މާސްޓަޝެފްގެ ޝޯވތައް ތަޢާރަފްވެގެންދިޔައެވެ.

މާސްޓަރޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުއެވެ.