ޚަބަރު

އެމެރިކާއަށް ދަތުރުކުރުން މަނާކުރުމުން ވިލާތުގެ އިއްތިޙާދުން ކަންބޮޑުވެއްޖެ


ވިލާތުގެ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކުރަން ނިންމި ނިންމުން ބަލައިނުގަންނަކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސްގެ ތަރުޖަމާނު އެރިކް މަމާރ ވިދާޅުވީ އެމެރިކާއިން ވިލާތުގެ އިއްތިޙާދުގެ ބަހެއް ނުހޯދާ މުޅިން އަމިއްލައަށް އެފަދަ ނިންމުމެއް ނިންމާފައިވާތީ އެކަމާ ވިލާތުން ނުރުހޭކަމަށެވެ. މަމާރ އިތުރަށް ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ވިލާތުގެ އިއްތިޙާދުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

ވައިރަސް ފެތުރުން ހުއްޓުވަން އެމެރިކާގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ފާޑުކިޔަންފެށުމުން ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ވިލާތުގެ ޤައުމުތަކުން އެމެރިކާއަށް މީހުން އައުން އެއްމަސްދުވަހަށް މަނާކޮށްފައެވެ. ރައީސް ޓްރަމްޕްގެ އަމުރުގައި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ވިލާތުގައި ތިބި އެމެރިކާގެ ރައްޔިތުން ހިމަނުއްވާފައެއް ނުވެއެވެ.

މުޅި ދުނިޔޭގައި ސަތޭކަ 34،000 މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. ވައިރަހުގެ ސަބަބުން މިހާތަނަށް 4،600އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ 10 ޤައުމުގެ ތެރޭގައި ވިލާތުގެ 6 ޤައުމަކާއި އެމެރިކާ ހިމެނެއެވެ.