ކޯވިޑް-19ގެ ނުރައްކާ އޮތުމުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މަދަރުސާތަކާއި ސިނަމާތައް ވަކި މުއްދަތަކަށް ބަންދުކުރަން ނިންމައިފިއެވެ.
އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާރޗް މަހުގެ 31ވަނަ ދުވަހާހަމައަށް އެތަންތަން ބަނދުކުރަންވަނީ ނިންމާފައެވެ. ނިއު ދިއްލީގެ ސަރުކާރުން އެގޮތަށް ނިންމިކަން އިޢުލާނުކުރައްވަމުން ދިއްލީގެ ޗީފް މިނިސްޓަރ އަރުވިންދު ކެޖްރިވާލް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ބަލިޖެހޭ މީހުން ވަކިން ބޭތިއްބުމަށް ބޭނުންކުރާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަލަށް އިމާރާތްކުރި ޕްލެޓްތައްކަމަށެވެ.
ދިއްލީ ސްޓޭޓްގެ ސަރުކާރުން ބުނެފައިވަނީ ކޯވިޑް-19އަކީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރިގެންދާ ނުރައްކާތެރި ވަބާއެއްކަމުން ޢާންމު ރައްޔިތުން ޚިދުމަތް ހޯދަން އަންނަ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކާއި ވިޔަފާރި މަރުކަޒުތަކުން ވައިރަސް ޖެހުމުގެ ބިރުއޮތްކަމަށެވެ. އެހެންކަމުން އެތަންތަނުން ވައިރަސް ނައްތާލުމަކީ މަޖުބޫރުކަމެއްކަމަށް ދިއްލީގެ ސަރުކާރުން މިހާރުވަނީ އަންގާފައެވެ.
އިންޑިޔާގައި 75 މީހަކަށް ކޯވިޑް-19 ޖެހި އެކަކުވަނީ މަރުވެފައެވެ.