ސިޔާސީ

ބިމާއިބެހޭ އިސްލާހަށް އާންމުންގެ ޚިޔާލު ބޭނުންވޭ - މައުމޫން


ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކުރައްވައިފިނަމަ އެބިލް ތަސްދީޤު ކުރެއްވުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ހުށައަޅުއްވައިފިއެވެ.ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ބިން މިލްކު ކުރުމުގެ ފުރުސަތު ލިބޭގޮތަށް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައިވާކަމަށެވެ. ވިލިމާލެދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަށް އިންވެސްޓު ކުރަންއަންނަ ބޮޑެތި އިންވެސްޓަރުންނަށް ވަކި ޝަރުތުތަކަކާއެކު ރާއްޖޭގެ ބިން މިލްކު ކުރެވޭނެއެވެ.ޤާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައި އޮންނަގޮތުން ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 99 އަހަރުގެ މުއްދަތަކަށެވެ. ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ މި އިސްލާހަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވައެވެ.