ޚަބަރު

ދޫނިރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަށް ހުއްދަ ދިނުން މެދުކަނޑާލައިފި


ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލީ މިއީ ދޫނިރޯގާ ފެތުރެމުންދާ ދުވަސްވަރަކަށްވުމާއެކު ދޫނިރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މިބަލި އެތެރެވުމަށް އޮތް ފުރުޞަތެއްކަމަށް ބެލެވޭތީ، ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި އަލުން ހުއްދަދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ދޫނި ރޯގާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. މިބަލީގެ ޖަރާސީމު، ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި ލޭގައި ހުރެއެވެ.