ޚަބަރު

ކޯވިޑް19: ޝައްކުކުރެވޭ މީހަކު ފެނުމާގުޅިގެން ސަން އަކުއާރ އިރުވެލި ރިސޯޓް މޮނިޓަރކުރަނީ


ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނުމާގުޅިގެން ސަން އަކުއާރ އިރުވެލި ރިސޯޓް މޮނިޓަރިންގްއަށް ލާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަން އަކުއާރ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެރިސޯޓު މޮނިޓަރިންގްއަށް ލެވިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ފަރާތެއްގެ ނަތީޖާ "ނެގަޓިވް" ވުމާއި ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ފަރާތެއް ގޭގައި އެކަހެރިކޮށް ހުރުމަށް ފޮނުވާލާފައިވާކަންވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ފަރާތަކާއި އެއް އިމާރާތެއްގައި ދިރިއުޅުމަށްފަހު މެލޭޝިއާއިން ދިވެހިރާއްޖެއަށް އައި ދިވެއްސެއް ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ރާއްޖޭން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ 8 މީހުން ފެނިފައިވާއިރު، އެ އެންމެންނަކީވެސް ބިދޭސީންނެވެ. އަދި ވިލިވަރުގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި 13 މީހަކު ބަހައްޓާފައިވާއިރު ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 15 މީހަކު މިވަގުތު ބަހައްޓާފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.