ކުޅިވަރު

އަންވާރު ފުޓްސެލްކަޕްގެ ޗެމްޕިއަންކަން ދަނގެތީ ޔުނައިޓެޑަށް


ދަނގެތީ ޖަމްއިއްޔަތުލް އަންވާރުން ބޭއްވި
އަންވާރުކަޕް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ދަނގެތީ ޔުނައިޓެޑް ހޯދައިފިއެވެ. މުޅި އދ.އަތޮޅަށް ހުޅުވާލައިގެން އެރަށުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން
ދަނގެތީ ޔުނައިޓެޑް ހޯދީ ފައިނަލްގައި މަހިބަދޫ އެންޓީ ޔުނައިޓެޑާއި ވާދަކޮށް ކުރި
ހޯދައިގެންނެވެ. ދަނގެތީ ޔުނައިޓެޑް މެޗު ކާމިޔާބުކުރީ ހަތަރު ލަނޑު ތިން ލަނޑުންނެވެ. 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ދަނގެތީ ޔުނައިޓެޑްގެ އަލީ މާއިސްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު
ފަސް ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ
ތެރޭގައި ދެން ހިމެނެނީ ދަނގެތީ ޔުނައިޓެޑްގެ ހުޒައިފަތު ރަޝީދު، ގޮއް ރީނދޫ
ޓީމްގެ އަލީ ސިފާގް، އެޓީމްގެ ކީޕަރ އިސްމާއީލް ފާޠިހު، އަދި އެންޓީ ޔުނައިޓެޑްގެ
އަހުމަދު އާރިފްއެވެ. 

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓް ދެ
ކުޅުންތެރިން ޙިއްޞާކުރިއެވެ. އެއީ ދަނގެތީ ޔުނައިޓެޑްގެ އަލީ މާއިސްއާއި، އެންޓީ
ޔުނައިޓެޑްގެ މުޙައްމަދު ލިޔާޙްއެވެ. ކޮންމެ ކުޅުންތެރިއަކު ސާދަ ލަނޑު ޖެހިއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އެންޓީ ޔުނައިޓެޑްގެ މުޙައްމަދު ލިޔާހުއެވެ. 

މިމުބާރާތް އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލާނެކަން ދަނގެތީ ޖަމްއިއްޔަތުލް
އަންވާރުން ވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ މޮޅު
ކުޅުންތެރިން އެކި ޓީމްތަކަށް ކުޅުނެވެ. މިއަހަރު ޗެމްޕިއަން ޓީމަށް ފަންސަވީސް ހާސް
ރުފިޔާ ވަނީ ދީފައެވެ. އަދި ދެވަނަ ޓީމަށް ފަނަރަ ހާސް ރުފިޔާ ވަނީ ދީފައެވެ.