ޚަބަރު

ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމަށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖައްސާނަން: މަލީހް


ކޮވިޑް-19ގައި އައިސްދާނެ ޙާލަތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، ގޭގައި ތިބެގެންވެސް އައިޓީ އާއި ގުޅުންހުރި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ފަށައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީޙް ޖަމާލް މިއަދު ވަނީ ސަރުކާރުގެ އެކި މުޢައްސަސާތަކުގެ އައިޓީ ދާއިރާގައި މަސައްކަތް ކުރައްވާ މުޢައްޒަފުންނާއި ބައްދަލުކުރައްވާފާއެވެ. މި ބައްދަލުވުމަކީ އައިޓީ އާއި ގުޅުންހުރި މަސައްކަތްތަކުގައި ސަރުކާރުގެ މުޢައްސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ޓާސްކް-ފޯހެއް އެކުލަވާލުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީޙް ޖަމާލު ވިދާޅުވީ މިފަދަ ވަގުތަކީ މިނިސްޓްރީގެ ވިސްނުމާއި އެއްގޮތަށް، ހުރިހާ އިދާއިރާއެއްގެ އައިޓީ މަސައްކަތްއެއް އެއް ވިއުގައެއްގެ ތެރެއަށް ގެނައުމަށް ލިބުނު މުހިންމު ފުރުސަތެއްކަމަށެވެ.

އަދި މިފަދަ ޓާސްކް ފޯހެއް އެކުލަވާލުމުގެ ބޭނުމަކަށް ވާނީ މުޅި ރާއްޖެއަށް ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ، އައިޓީ އާއި ގުޅޭ އެމަޖެންސީ ސްޓޭންޑަރޑް އޮޕަރޭޝަން ޕްރޮސީޖާ ނުވަތަ އެސްއޯޕީއެއް އެކުލަވާލުން ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ފިޒިކަލް ކޮންޓެކްޓް މަދުކުރުމަށް ފިންގަރ ޕްރިޓް މެޝިންތަކުގެ ބަދަލުގައި، ކާޑް ރީޑުކޮށްގެން އެޓެންޑެންސް އެޅޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންކަން މިިިނިސްޓަރ މަލީހު ފާހަގަކުރެއްވިއެވެ.

"ޙާލަތު ގޯސްވެއްޖެނަމަ މާބަނޑުމީހުން، އުމުރުންދުވަސްވީ މީހުން މަސައްކަތްތަށް ނުނިކުމެ ގޭގައި ތިބެން ޖެހިދާނެ. އޭރުންވެސް އެމީހުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރާނި ގޮތެއް ހަމަޖެއްސުމަށް މިދަނީ ތައްޔާރުވަމުން." މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ ގޭގައި މަސައްކަތް ކުރާނެ ގޮތްތަކާއި، އަދި ބޭނުންކުރާނެ ވަސީލަތްތަކާއި ގުޅޭގޮތުން، އަލަށް އެކުލަވާލާ އައިޓީ ޓާސްކް ފޯހުގައި މަޝްވަރާކުރާނެއެވެ.

މި މަސައްކަތުގެ ދަށުން ބަލީގެ އެކި ސްޓޭޖްތަކުގައި އަޅަމުންދާނެ ފިޔަވަޅުތައް ކަނޑައަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓްރީން ތައްޔާރު ވާނީ އެންމެ ގޯސް ޙާލަތުގައިވެސް ޚިދުމަތްތައް މެދު ނުކެނޑި އާއްމުންނަށް ފޯރުކޮށްދެވޭނެ ވިސްނުމެއްގައިކަން މަލީހު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް މި ބައްޔަށް 4 މީހުން ވަނީ ޕޮސިޓިވްވެފައެވެ.