ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ސެކަންޑް ފޮރިން މިނިސްޓަރ ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނާއި ދެޤައުމުގެ ޚާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލަރޝިޕްތަކަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލަރޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާޢީ ތަރައްޤީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ވަޒީރާ މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ޚާއްސަ ލެބޯޓްރީއެެއް ޤާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.