ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ދެކުނު އެފްރިކާއިން ފެނިއްޖެއެވެ.
އިޓަލީވިލާތުން ދެކުނު އެފްރިކާއަށް އެނބުރި ދިޔަ މީހާގެ ގައިން އެންމެ ފުރަތަމަ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. ދެކުނު އެފްރިކާގެ ޞިއްޙަތާބެހޭ ވަޒީރު ޒްވެލި މުކީޒޭ ވިދާޅުވެފައި ވަނީ 38 އަހަރުގެ އެފިރިހެންމީހާ އިޓަލީވިލާތަށް ދަތުރުކުކޮށްފަވަނީ އޭނާގެ އަނބިމީހާއާއެކުކަމަށެވެ. އެއަށްފަހު ޖޮހޭނަސްބަރގުގެ ޓެމްބޯ އެއަރޕޯޓުން އޭނާ ދިޔައީ ގެއަށްކަމަށް މުކީޒޭ ވިދާޅުވިއެވެ. ކޯވިޑް-19 ޖެހުނު މީހާ ދަތުރުކުރީ އިތުރު 10 މީހަކާކަމަށާއި ޤައުމަށް އެނބުރި އައީ މާރޗް މަހުގެ އެއްވަނަ ދުވަހުކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތިން ދުވަސް ފަހުން ކެއްސާ ކަރުގައާއި ބޮލުގައި ރިއްސާ ހުންއައުމުން އެމީހާ ޑޮކްޓަރަށް ދެއްކިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޞިއްޙަތާބެހޭ ވަޒީރު ވިދާޅުވީ ކޯވިޑް-19ގެ ޖެހުނު މީހާގެ އިތުރުން އޭނާއާއެކު ދަތުރުކުރި މީހުންގެ ޙާލަތުވެސް ބަލަމުންދާކަމަށެވެ. މުކީޒޭ ވިދާޅުވީ ދެކުނު އެފްރިކާގައި ކޯވިޑް-19 ފެތުރިއްޖެނަމަ ބައްޔަށް ފަރުވާކުރުމަށް ބޭނުންވާ ސާމާނާއި ވައިރަހުން ރައްކާތެރިވާން ލާނެ ހެދުން ފުދޭވަރަށް އެޤައުމުގައި ނެތްކަމަށެވެ.
ދެކުނު އެފްރިކާގެ ޤާނޫނުހަދާ މަޖުލީހުގެ މެންބަރުންނާ މުޚާޠަބުކުރައްވާ މުކީޒޭ ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ހަނގުރާމަކުރުމުގައި އެޤައުމުވާންޖެހޭނީ އެކަމުގެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޤައުމަކަށްކަމަށެވެ. ވައިރަސް ފުރަތަމަ ފެނުނު މީހާ ދިރިއުޅެމުން ދިޔަ ސަރަޙައްދަށް މިހާރުވަނީ ޚާއްޞަ ސާމާނުތަކާއެކު ޞިއްޙީ އެހީތެރިން ފޮނުވާފައެވެ.
ދެކުނު އެފްރިކާގެ މީހަކަށް ކޯވިޑް-19 ޖެހުމުން އެޤައުމުގެ ފައިސާގެ އަގުވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޔޫއެސް ޑޮލަރާ އަޅާބަލާއިރު ދެކުނު އެފްރިކާގެ ފައިސާގެ އަގުވަނީ 1.6 އިންސައްތަ ދަށަށްގޮސްފައެވެ. މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާނުން ކޯވިޑް-19ގެ ފެނުނު ފަހުން 98،000އަށްވުރެ ވައިރަސްގެ އަސަރުކޮށް، 3،300އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.