ކުޅިވަރު

ނިއުރޭޑިއަންޓާ ހަވާލުވީ އަތުގައި އެއްޗެ އޮވެގެނެއް ނޫން - މުޙައްމަދު


ނިއުރޭޑިއަންޓާ ހަވާލުވީ އަތުގައި އެއްޗެ އޮވެގެން ނޫންކަމަށާއި ހަވާލުވީ ކުލަބުގެ ލޯބީގައިކަމަށް އާ ޗެއާމަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޤާމާ ހަވާލުވެ މީޑިޔާއަކަށް ދިން ފުރަތަމަ އިންޓަވިއުގަ ދިވެހިރާއްޖެގެ އަޑުގެ ކުޅިވަރު ޕްރޮގްރާމް "ސްޕޯޓްސް ބަޒް"ގައި ވާހަކަދައްކަމުން މުޙައްމަދު ވީދާޅުވީ ކުލަބާ ހަވާލުވީ 8 މިލިއަން ރުފިޔާގެ ދަރަނިއޮތްކަން އެނގިހުރެކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ކާމިޔާބު، އެންމެ ބޮޑު ކުލަބަށް ދިމާވެފަވާ މިއްސަލަތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސިޓީއަކުން އެހީއަށް އެދި ދަންނަވާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަބަދުވެސް ނިއުރޭޑިއަންޓާ ގާތްގުޅުމެއް އޮންނަ މުޙައްމަދު ވިދާޅުވީ ރާއްޖޭގައި ކުޅޭ ފުޓްބޯޅަ މުބާރާތްތަކުން 49 ތަށި ހޯދާފައިވާ އަދި ރާއްޖަށް ރީތިނަން ހޯދައިދީފައިވާ ކުލަބުތައް މިހާލަތައް ދިޔުމުން ސަރުކާރުން އަޅާލަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ކުލަބާ ހަވާލުވީ އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ވެސް ކުރިއެރުމެއް ނުލިބުން ކަމަށާއި ކުލަބުގެ ދަރަނި ޚަލާސް ކުރެވިއްޖެ ނަމަ ކުރީގެ ޗެއާމަން ޢަލީވަހީދު ކުލަބަށް ހޯދައިދިން ކާމިޔާބާ އެއްވަރު ކުރެވޭނެ ކަމަށެވެ.

ރައްޔަތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މުޙައްމަދު ނަޝީދު ވިދާޅުވީ އޭނާއަކީ ސިޔާސީ މީހަކަށް ވިޔަސް އެކަމަކީ ކުލަބަށް އޭގެ މާބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭނާ މަޤާމާ ހަވާލުވުމުން ބައެއް މީހުން ކުލަބާ ދުރަށްދާތަން ފެންނަމުން ދާކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވަނީ އެކަން އެގޮތަށް ނުކުރުމަށްވެސް އެދިފައެވެ. މުޙައްމަދު ވިދާޅުވީ އޭނާ ކުލަބާ ހަވާލުވީ އަތުގައި އެއްޗެއް އޮވެގެން ނޫންކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ އަމާޒަކީ ފަންޑްރައިޒް އިވެންޓްތަކުން ކުލަބުގެ ދަރަނި ސަލާމަތްކުރުން ކަމަށެވެ.

"މިއަދު ހަވާލުވެ މިތިބީ ކުލަބު ބަލިވީމާ ލޮލުން ކަރުނަ އަންނާނެ ބޯޑެއް، ކުލަބުން ކާމިޔާބު ހޯދީމަ އެއުފާ އިހްސާސްވާކަހަލަ ބަޔެއް. ހަގީގަތުގަވެސް އަތުގަ އެއްޗެއް އޮވެގެންނޫން މިއައީ ކުލަބު ލޯބީގަ މިކަންކުރަން." މުޙައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވަނީ ހަގީގީ ނިއުރޭޑިއަންޓް އޭގެ ހަގީގީ ސަޕޯޓަރުންނަށް ހަވާލުކޮއްދޭނެ ކަމަށް ވިދާޅުވެފައެވެ.