އަންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓް ފޮށި ބަހައްޓަން ނިންމި ބައެއް ތަންތަނަށް އަދަދު ހަމަނުވާތީ އަލުން ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު ހަމަވިއިރު ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް މީހުން ހަމަނުވުމުން ސަބަބުން ބައެއް ރިސޯޓްތަކާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކާއި ޖަލުގެ އިތުރުން ސިނާއީ މަސައްކަތް ތަންތަނުގައި ވޯޓް ފޮށި ނުބަހައްޓަން ނިންމާފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ތަންތަނަށް ރަޖިސްޓްރީ ކުރި ފަރާތުން ރަށްވެހިވެފައިވާ ރަށް ނޫންތަނަކަށް ވޯޓްލާން ބޭނުން ނަމަ އަލުން ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އަދި މިހާރު ހުޅުވާލާފައިވާ މުއްދަތުގައި އަލުން ރީ ރަޖިސްޓްރީ ނުކުރާނަމަ އެ މީހެއްގެ ނަން އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައިކަމަށްވެސް އިސީން ވިދާޅުވެއެވެ.
ދޫނިދޫ ޖަލު
- ތިލަފުށި
- ހުޅުލެ
- އައްޑޫ ސިޓީ ގަން
- އިންޑިއާގެ (ނިއުދިއްލީ )
- ސިންގަފޫރް
- ތައިލޭންޑް
- ބަންގްލަދޭޝް
މީގެއިތުރުން 28 ރިސޯޓެއްގައިވެސް ވޯޓް ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަވާފައެވެ.
މި ފޮށިތަކަށް ރަޖިސްޓްރީކޮށްފައިވާ މީހުން މިހާރު ފޮށި ބެހެއްޓުމަށް އިިއުލާންކޮށް ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަނެއްގައި އަލުން ރަޖިސްޓްރީކުރަމުން ގެންދިޔުމަށް އިލެކްޝަންސ ކޮމިޝަނުން ވިދާޅުވެއެވެ. މިގޮތުން މި މަހުގެ 7 ވަނަދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ނިންމުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ރަޖިސްޓްރީ ކުރުން އޮންނާނީ ހުކުރު ދުވަހު މެންދުރު ފަހު 03:00 ފެށިގެން ހަވީރު 05:00 ކަމަށެވެ. އަދި ހޮނިހިރު ދުވަހު 09:00 ފެށިގެން 03:00 ގެ ނިޔަލަށްވެސް މި ފުރުސަތު ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި 538 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށާއި، އޭގެ ތެރެއިން 169 ވޯޓުފޮށި މާލޭގައި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ވިދާޅުވެފައެވެ. މި ފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކަށް 2435 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 1817 ކެނޑިޑޭޓުން ވާދަކުރާނެއެވެ.