ޚަބަރު

އުމުރާގެ އަޅުކަަމަށް ކުރިން ދޫކޮށްފައިވާ ވިސާވެސް މިހާރު ވަނީ ކެންސަލްކޮށްފައި: އިސްލާމިކް މިނިސްޓްރީ


ސައޫދީއަރަބިއްޔާއަށް އުމުރާގެ އަޅުކަމަށް މީހުން އެތެރެވުން މަނާކޮށް، ވިސާދޫކުރުން ހުއްޓާލުމުގެ ކުރިން ދޫކޮށްފައިވާ ވިސާތައްވެސް މިހާރު ކެންސަލްކޮށްފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، 27 ފެބުރުވަރީ 2020 ވީ ބުރާސްފަތި ދުވަހުން ފެށިގެން، ބޭރު ޤައުމުތަކުން ސަޢޫދީ ޢަރަބިއްޔާއަށް ޢުމްރާވެރިން އެތެރެވުން ވަނީ ވަގުތީގޮތުން މަނާކޮށްފައިކަމަށެވެ.

އެގޮތުން، ޢުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، އަދި، މިހާތަނަށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ކުރިން ދޫކޮށްފައި އޮތް ވިސާތައްވެސް މިހާރު ވަނީ ކެންސަލްކޮށްފައި ކަމަށާއި، ސަޢޫދީ ސަރުކާރުގެ މި ނިންމުން، ދިވެހި ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންސީތާކާ ޙިއްސާކޮށްފައި ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

އެމިނިސްޓްރީން ވިދާޅުވީ، ބައިނަލްއަޤްވާމީ ޞިއްޙީ ކުއްލި ޙާލަތެއް ދިމާވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ޢުމްރާވެރީންނާއި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމުގައި ވީ ހިނދު، ސަޢޫދީ ޢަރަބިއްޔާއިން އަޅުއްވާފައިވާ ފިޔަވަޅު ދިވެހި ސަރުކާރުންވަނީ ބަލައިގެންފައިވާކަމަށެވެ.

އެހެންކަމުން، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިޙްތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިއްބެވުމަށް އިލްތިމާސްކުރައްވާކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަދި މިފަދަ ނިންމެވުމެއްގެ ސަބަބުން، ޢުމްރާ ދަތުރުތައް ރާއްވަވާފައިވާ ކުންފުނިތަކާއި، ޢުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން އެ މިނިސްޓްރީން ޤަބޫލުކުރާކަމަށާއި، އެހެންނަމަވެސް، މިކަމަކީ ދިވެހި ސަރުކާރާއި، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމުން، މިކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުޢައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް ޢަމަލުކުރެއްވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޓާސްކް ފޯސް އެއް އެކުލަވާ ލައްވާ، ސަރުކާރުން ވަރަށް ގާތުން މިކަން ބައްލަވަމުން ގެންދާތީ، އެ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު، ޢުމްރާވެރިންނާ، ޢުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންވީގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެފަރާތްތަކާއި ޙިއްސާކުރަމުން ގެންދާނެ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.