ޚަބަރު

ރަޝިޔާއާއި ތުރުކީވިލާތުންވަނީ ހަނގުރާމައިގެ ޖަރީމާ ހިންގާފަ: އދ


ރަޝިޔާއާއި ތުރުކީވިލާތުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަމަށް އދގެ ރިޕޯޓެއްގައި ބުނެފިއެވެ.

މިދިޔަ އަހަރު ރަޝިޔާއިން ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ އާންމުންވަނީ މަރުވެފައެވެ. އަދި ތުރުކީވިލާތުން ވާގިވެރިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ކުރުދީންގެ ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި އާންމުންގެ ގިނަ ބައެއް މަރުވިއެވެ.

އދން ތައްޔާރުކުރި ރިޕޯޓުގައި ބަލާފައިވަނީ ދެހާސް ނަވާރަވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދީފައިވާ ޙަމަލާތަކަށެވެ. ރިޕޯޓުގައިވާގޮތުގައި ރަޝިޔާއިން ވަނީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕަކަށާއި ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ބާޒާރަކަށް ޙަމަލާދީފައެވެ. އެޙަމަލާތައް ދީފައިވަނީ މިދިޔަ އަރަހުގެ ޖުލައި މަހާއި އޯގަސްޓު މަހުއެވެ. ގިނަ ޢަދަދެއްގެ އާންމުން އެޙަމަލާތަކުގައިވަނީ މަރުވެފައެވެ.

އދން ބުނީ ޙަމަލާތަކުގެ އެއްވެސް އަސްކަރީ މަޤްސަދެއް ނެތްކަމަށް ބެލެވޭކަމަށެވެ. އެއީ ސީދާ އާންމުންނަށް އަމާޒުކޮށް ދިން ޙަމަލާއެއްކަމަށް ބެލުމުގެ ފުރުޞަތު އޮތްކަމަށް އދން ބުނެއެވެ. އެހެންކަމަށްވާނަމަ އެއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް އދން ބުނެއެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންވެސްވަނީ ކުރުދީންގެ ބާރު އޮންނަ ދެސަރަޙައްދަކަށް އަސްކަރީ މަޤްސަދެއްނެތި ޙަމަލާދީފައެވެ. އެޙަމަލާތައް ދީފައިވަނީ ތުރުކީވިލާތުގެ އަސްކަރީވެރިންގެ އިރުޝާދުގެ ދަށުންކަމަށްވާނަމަ ތުރުކީވިލާތުން ހަނގުރާމައިގެ ޖަރީމާއެއް ހިންގިކަމަށް ބެލެވޭނެކަމަށެވެ.

ތުޙުމަތުތަކަށް އިންކާރުކޮށް ވައިގެ ޙަމަލާތައް ދިނުމުގައި އެއްވެސް ދައުރެއް އަދާނުކުރާކަމަށް ތުރުކީވިލާތުންވަނީ ބުނެފައެވެ. ނަމަވެސް ސޫރިޔާގައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ އަމިއްލަ ޖަމްޢިއްޔާއަކުންވަނީ ޙަމަލާތައް ދިނީ ތުރުކީވިލާތުގެ މަދިންދާބޯޓެއް ބޭނުންކޮށްގެންކަމަށް ބުނެފައެވެ.

އެޙަމަލާތައް ތަހުޤީގުކުރާ އދގެ ޓީމުންދަނީ އެޖަރީމާތަކާމެދު ފިޔަވަޅުއެޅުމަށް ގޮވާލަމުންނެވެ.