ކޯވިޑް-19 ޖެހިފައިވާ އިތުރު ދެމީހުން އިންޑިޔާއިން ފެނިއްޖެއެވެ. އެމީހުން ފެނުނީ ވެރިރަށް ނިއު ދިއްލީންނާއި ދެކުނު އިންޑިޔާގެ ޓެލަންގު ސްޓޭޓުންނެވެ. އެދެމީހުންނަކީވެސް ކޯވިޑް-19 ފެނިފައިވާ އިޓަލީވިލާތާއި ޔޫއޭއީއަށް ވަރަށް ފަހުން ދަތުރުކޮށްފައިވާ ދެމީހުންކަމަށް އިންޑިޔާގެ ސަރުކާރުން ބުނެއެވެ.
އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ހަރްޝް ވަރްދަން ވިދާޅުވީ އިންޑިޔާ ސަރުކާރުން ޤައުމުގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ބާރަ ޤައުމަކުން އިންޑީޔާއަށް އެތެރެވާ މީހުން ސްކްރީންކުރަމުންދާކަމަށެވެ. އަދި އިންޑިޔާއާއި ނޭޕާލް ގުޅޭ ސަރަޙައްދީ ރޮނގުން އެއް މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ސްކްރީންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިޔާގެ ފަސް މީހެއްގެ ގައިން ވައިރަސްވަނީ މިހާތަނަށް ފެނިފައެވެ. ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ރާޖަސްތާނުން ކޯވިޑް-19 ޖެހިފައިވާ އިޓަލީވިލާތުގެ ރައްޔިތެއް ފެނިފައިވާކަމަށްވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެއެވެ. އިންޑިޔާގެ ސަރުކާރުންވަނީ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްޠިމާސްކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ސަރަޙައްދުތަކުން މިހާތަނަށް ތިންހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި ކޯވިޑް-19 ފެތުރެމުންދާގޮތް ދިރާސާކޮށް، ސަރުކާރުތަކުން ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމުގެ ޤާބިލުކަންހުރި މިންވަރު ދެނެގަތުމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުންދަނީ މަސައްކަތްކުރަމުންނެވެ.
ވައިރަހާ ދެކޮޅަށް އިންޑިޔާއިން ޢަމަލުކުރާނެ ގޮތާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް އެމެރިކާގެ އިދާރާތަކުންވަނީ ފާހަގަކޮށްފައެވެ.