ކުޅިވަރު

އެފްއޭއެމްގެ ބޮޑު ތިން ޕްރޮޖެކްޓެއް ކުރިޔަށްގެންދަން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްފި


އެފްއޭއެމްގެ ބޮޑު ތިން ޕްރޮޖެކްޓެއް ކުރިއަށްގެންދަން ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އެފްއޭއެމްގެ ދުރުރާސްތާ ޕްލޭންގައި ހިމެނޭ މި ތިން ޕްރޮޖެކްޓް ހިންގަން އެފްއޭއެމް އިން ހަވާލުކޮށްފައިވަނީ ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާއެވެ. މި ޕްރޮޖެކްޓްތައް ފެށުމަށް ސްކައިވިންޑް ގްލޯބަލްއާއެކު މިއަދު އެފްއޭއެމްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެފްއޭއެމްއިން ކޮރެއާގެ ސްކައިވިންޑް ގްލޯބަލް ކުންފުންޏާއި ހަވާލުކުރި ތިން ޕްރޮޖެކްޓަކީ މިހާރު އެފްއޭއެމް ހިންގަމުން އަންނަ އިމާރާތް 20 ބުރިޔަށް ނެގުމާއި، ހަތަރު ބުރީގެ ފުޓްސަލް އެރީނާއެއް އެޅުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 އާޓިފިޝަލް ގްރާސް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތެއެވެ.

މި ތިން ޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މި ތިން މަޝްރޫއަކީ ދިވެހި ފުޓްބޯޅައަށް ކުރިޔަށްއޮތްތާގައި ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ތިން ޕްރޮޖެކްޓަށް ވެގެންދާނެކަމަށެވެ.

ބައްސާމް ވިދާޅުވީ، 20 ބުރިޔަށް އިމާރާތްކުރާ އެފްއޭއެމްގެ އައު އިމާރާތުގެ މަސައްކަތް ކުރިޔަށްއޮތް ފަސް މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި ކުރިޔަށް މިއޮތް ފަސް މަސްދުވަހުގެ ތެރޭގައި ކުރިޔަށްދާނީ މި އިމާރާތް ޑިޒައިންކޮށް ކުރެހުމުގެ މަސައްކަތްކަމަށް ބައްސާމް ވިދާޅުވިއެވެ.

7000 އަކަފޫޓް ހިމެނޭ ބިމުގައި އިމާރާތްކުރާ އެފްއޭއެމްގެ އައު އިމާރާތް މައިގަނޑު ގޮތެއްގައި ބޭނުންކުރެވިގެންދާނީ ފުޓްބޯޅައިގެ ކަންކަމުގައިކަމަށާއި، މި އިމާރާތް 20 ބުރިޔަށް އިމާރާތް ކުރުމުގެ ބޭނުމަކީވެސް ދިވެހި ފުޓްބޯޅަ މިިހާރުއޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަންކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މި އިމާރާތުގައި ހިމެނޭ ގިނަ ފްލޯތަކަކީ ކުއްޔަށް ދެވޭނެގޮތަށް ހަދާ ފްލޯތަކެއްކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މި އިމާރާތުން ލިބޭ އާމްދާނީ ޚަރަދުކުރާނީ ދިވެހި ފުޓްބޯޅަ ކުރިއަރުވަންކަމަށްވެސް ބައްސާމްވަނީ ވިދާޅުވެފައެވެ.

ބައްސާމް ވިދާޅުވީ މި މަޝްރޫއު ކުރިޔަށްގެންދަނީ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ކަމަށާއި މި ލޯނު 17 މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި 20 ބުރީގެ އިމާރާތުން އާމްދަނީ ހޯދައި އެ ލޯނު ދެއްކޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފެށެންވާއިރަށް އެފްއޭއެމުން މިހާރު މާފަންނު ދަނޑުގައި ހަދާ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ އިތުރުން މިއަދު ސްކައިވިންޑް ގްލޯބަލްއާކު ވި ދެވަނަ އެއްބަސްވުމަކީ މާލޭގައި ފުޓްސަލް އެރީނާއެއް ޤާއިމްކުރުމުގެ އެއްބަސްވުމެވެ. މާލޭ ކުޅިވަރު އެކުވެނީގެ ވެލި ދަނޑުން ލިބިފައިވާ 170000 އަކަފޫޓްގެ ބިމުގައި ހަތަރު ބުރިއަށް މި އިމާރާތް ކުރާއިރު، އެއް ބުރީގައި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް އެރީނާއެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ 20 އާޓިފިޝަލް ގްރާސް ދަނޑުގެ ތެރެއިން ތިން ދަނޑު އަޅާނީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށާއި ބާކީ 17 ދަނޑު އަޅާނެ ރަށްތައް ނިންމާނީ ސަރުކާރުންކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.