ޚަބަރު

ޗައިނާގައި މިނިވަން 50 ކުލަގަދަކޮށް ފާހަގަކޮށްފި


މިނިވަން 50 ފާހަގަ ކުރުމަށްޓަކައި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބެއިޖިންގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.ބެއިޖިންގެ މަޝްހޫރު ހޮޓެލެއްކަމަށްވާ "ލެޖެންޑޭލް"ގައި ވަނީ މިނިވަންދުވަސް ފާހަގަކުރުމަށް ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. ޗައިނާގެ ފޮރިން މިނިސްޓަރގެ ނައިބު ޝަރަފްވެރިކޮށްދެއްވި މިޖަލްސާގައި ވާހަކަދައްކަވަމުން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު އިޤުތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ލިބިފައިވާ ކުރިއެރުންތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއަކީ އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށްވިޔަސް އިޤްތިޞާދީ ތަރައްޤީގެ ބިންގާ ފުޅާކޮށް ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދައިދެއްވުމަށް ރައީސް އަބްދުއްﷲ ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.މިކަމަށްޓަކައި ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދެއްވަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.މިރަސްމިއްޔާތުގައި ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، އެޤައުމުގެ ޑިޕްލޮމެޓުންގެ އިތުރުން  މަޝްހޫރު ވިޔަފާރިވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.