ޚަބަރު

އިންޑިޔާގައި ހަމަނުޖެހުން ހިންގުމުގެ ތުޙުމަތުގައި 600އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި


އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހުއްޓުވުމުގެ ގޮތުން 600އަށްވުރެ ގިނަ މީހުން އެޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިހަފުތާގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ދީނީ އަރާރުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން 38 މީހުންވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އިންޑިޔާގެ ބައިމަދު މުސްލިމުން ޚިމާޔަތްކޮށްދިނުމަށް އެޤައުމުގެ ސަރުކާރު ނުކުޅެދިފައިވާކަމަށް ބުނެ ބައިނަލްއަޤްވާމީ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނެސްފައިވާ ބަދަލާގުޅިގެން އެޤައުމުގެ މުސްލިމުންވަނީ މަގުތައްމައްޗަށް ނުކުމެ މުޒާހަރާކުރަން ފަށައިފައެވެ. އެޤާނޫނުގައިވާ ގޮތުން އަވައްޓެރި ޤައުމުތަކުން އިންޑިޔާއަށް ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން މުސްލިމުން ފިޔަވާ އެހެން ދީންތަކުގެ މީހުންނަށް ރަށްވެހިކަން ލިބޭނެއެވެ. އެޤާނޫނަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އެއީ މުސްލިމުންނާމެދު ތަފާތުކުރުން ގެންގުޅޭގޮތަށް އެކުލަވާލާފައިވާ ޤާނުނޫނެއްކަމަށެވެ.

ދާދި ފަހުން އިންޑިޔާއިންވަނީ އެޤައުމުގައި މުސްލިމުންނަށް އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓުކަމަށްވާ ޖަންމޫކަޝްމީރަށް ލިބިފައިއޮތް އެތެރޭގެ މިނިވަންކަން ނިމުމަކަށް ގެނެސްފައެވެ. އެއާއެކު އިންޑިޔާގެ 200 މިލިއަން މުސްލިމުންގެ މުސްތަޤްބަލާމެދުވަނީ ސުވާލު އުފެދިފައެވެ.