ތިރީސް އަށްވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ކިންގްސް ބާސްކެޓްބޯޅަ ކުލަބުން ދިފާޢުކޮށްފިއެވެ.
ކިންގްސް ބީސީއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވާދަވެރި ޓީރެކްސްގެ މައްޗަށް ފަހު ވަގުތު ކުރިހޯދައިގެންނެވެ. ފައިނަލް މެޗު ކިންގްސްއިން ކާމިޔާބުކުރީ 82 ޕޮއިންޓް 75 ޕޮއިންޓުންނެވެ.
ފައިނަލް މެޗުގައި ފުރަތަމަ ލީޑު ގައި އޮވެ ކުޅުނީ ޓީރެކްސްއިންނެވެ. ފުރަތަމަ ދެ ކުއާޓަރ ނިމުނުއިރު ޓީރެކްސްއިން އޮތީ 18 ޕޮއިންޓްގެ ލީޑަކާއިއެކު ކުރީގައެވެ. އެއީ 50 ޕޮއިންޓް 38 ޕޮއިންޓުންނެވެ. ޚާއްސަކޮށް ފުރަތަމަ ކުއާޓާގެ ފަހު ސިކުންތުގައި ޓީރެކްސްގެ ޒަބީރު ސްކޯ ކުރި ތްރީ ޕޮއިންޓާއިއެކު މެޗުގެ ފޯރި ވަރަށް ބޮޑަށް ގަދަވިއެވެ. މިއީ މިހާތަނަށް ޤައުމީ މުބާރާތެއްގައި އެންމެ ދުރުން ސްކޯކުރި ތިން ޕޮއިންޓްއެވެ.
ޓީރެކްސްއަށް މައްސަލަ ދިމާވީ ހަތަރުވަނަ ކުއާޓާ އާއި ހިސާބުންނެވެ. ރަޝްވާންގެ ހަތަރު ފައުލް ހަމަވިއިރު ޒަބީރަށްވަނީ އަނިޔާވެފައެވެ. އަދި މެޗުގެ ފަހު ވަގުތު ވިލްދާންގެ ފަސް ފައުލް ހަމަވެ އޭނާ މެޗާއި ވަކިވާން ޖެހުނެއެވެ. މީގެ ފައިދާ ނަގައި ބިދޭސީ ކުޅުންތެރިޔާ ޑެކޯރޭގެ މޮޅު ކުޅުމާއިއެކު ކިންގްސްއިން ފަހު ވަގުތު ޓީރެކްސް ފަހަތަށް ޖައްސާލައި މުބާރާތުގެ ތަށި ދިފާޢުކުރިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ކިންގްސް ބީސީގެ ކުޅުންތެރިޔާ ޑެކޯރޭ އާރޮން ޖޭމްސްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުގެ އެލެގްސެންޑާ މަލިނިކްއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކިންގްސް ބީސީގެ ކޯޗު އެރިކް ބުނީ ޗެމްޕިއަންކަން ދިފާއުކުރެވުނުކަމުގައި ވިޔަސް ޓީމް ޕްރެޝަރުގައި ކުޅެން ޖެހުނީ ރަނގަޅަށް ޑިފެންސް ނުކުރެވިގެން ކަމަށެވެ. ޤައުމީ މުބާރާތުގެ ތަށި ދިފާއުކުރުމަށްފަހު ވާހަކަ ދައްކަމުން ކޯޗް އެރިކް ބުނީ، މުބާރާތުގެ ޗެމްޕިއަންކަން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށާއި ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށެވެ.
އެރިކް ބުނީ މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޓިރެކްސްއިން ޑޮމިނޭޓްކުރީ ކިންގްސްއަށް ރަނގަޅަށް ޑިފެންސް ނުކުރެވިގެން ކަމަށާއި، ޚާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ޑިފެންސް ފެނުނީ ވަރަށް ބޮޑަށް ދަށްކޮށް ކަމަށެވެ. ނަމަވެސް ފަހު ކުއާޓާގައި މެޗުގެ ކޮންޓްރޯލް އަތުލެވުނީ ކުޅުންތެރިން ކުރި ވަރަށް ބުރަ މަސައްކަތުންކަމަށް ކޯޗް އެރިކް ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުގެ ކޯޗް އިލްޔާސް އިބްރާހިމް ބުނީ، މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށާއި، ނަމަވެސް ޗެމްޕިއަންކަން ނުލިބުމުން މާޔޫސްވެއްޖެކަމަށެވެ. އިލްޔާސް ބުނީ މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެވުނު ނަމަވެސް ފަހު ވަގުތު ބަލިވީ ކުދި ކުދި މިސްޓޭކްތަކެއް ތަކުރާރުވުމުންކަމަށެވެ.