ޚަބަރު

ދެކުނު އެމެރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް ކޯވިޑް19 ފެނިއްޖެ


ދެކުނު އެމެރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް ނުރައްކާތެރި ކޮރޯނާވައިރަސް، ކޯވިޑް19 ފެނިއްޖެއެވެ.

ބްރެޒިލްގެ ޞިއްޙަތާބެހޭ ވަޒީރު ލުއިޒް އެންރިކޭ މަންޑެޓާ ވިދާޅުވީ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީވިލާތުން އެޤައުމަށް ދަތުރުކުރި ފަސްދޮޅަސް އެއްއަހަރުގެ ބްރެޒިލް މީހެއްގެ ހަށިގަނޑުން ކޯވިޑް19 ފެނިފައިވާކަމަށެވެ. ބްރެޒިލުން ވައިރަސް ފެނިފައިވަނީ އެޤައުމުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޗުއްޓީއަކާ ދިމާކޮށް އެތެރޭގެ އުދުހުންތައް އިތުރުވެފައިވަނިކޮށެވެ. ބްރެޒިލްގެ ރަސްމީ އިދާރާތަކުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުން އަންނަ މީހުން ސްކްރީންކުރަމުންދާކަމަށެވެ.

މީގެ އިތުރުން، އެޤައުމުގެ ޕޭނަމްބޫކޯ ސިޓީންވަނީ ވައިރަހަށް ޝައްކުކުރެވޭ އިތުރު މީހަކު ފެނިފައެވެ. 51 އަހަރުގެ އެއަންހެންމީހާވެސް ބްރެޒިލަށް ދަތުރުކޮށްފައިވަނީ އިޓަލީވިލާތުންނެވެ.

ޗައިނާގެ ވުހާން ސިޓީގައި އެންމެ ފުރަތަމަ ފެތުރެންފެށި ކޯޥިޑް19ގެ ސަބަބުން މިހާތަނަށް ދެހާސް އަށްސަތޭކައަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ސަރަޙައްދުތަކުންވަނީ މަރުވެފައެވެ.