ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަޑުއަހަން ވަންނަން ބޭނުންވާ މީޑިއާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތުދީ ނޫސްވެރިންނަށް ލުއިތަކެއް އެ ކޯޓުން ކަނޑައަޅައިފިއެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަޑުއަހަން މީހުން ވެއްދުމުގައި އާ އުސޫލެއް އެކުލަވާލާ މިވަނީ އާއްމުކޮށްފައެވެ. މި އުސޫލުގައި ބުނާގޮތުން ނޫސްވެރިން ނޫން އެހެން ފަރާތްތަކަށް ކޮންމެ ޝަރީއަތަކަށް ވަދެވޭނީ އެ ޝަރީއަތެއް ފެށުމުގެ 15 މިނެޓްކުރިން އެކަމަށް އެދި ފޯމެއް ހުށައަޅައިގެންނެވެ.
އެހެންނަމަވެސް ޝަރީއަތްތައް އަޑުއަހަން ވަންނަން ބޭނުންވާ މީޑިއާތަކަށް މި އުސޫލުގެ ދަށުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ، މިހާތަނަށް ނޫސްވެރިންވެސް ޝަރީއަތްތައް އަޑުއަހަން ވަދެވެނީ 15 މިނެޓް ކުރިން ނަން ނޯޓުކޮށްގެންނެވެ.
އާ އުސޫލުން ގެނައި ބަދަލާއި އެކި ކޮންމެ މީޑިއާއަކުން ތިން ނޫސްވެރިން ކޯޓުގައި ރަޖިސްޓްރީކޮށް ދޭނެއެވެ. އަދި ރަޖިސްޓްރީކުރާ ނޫސްވެރިން ޝަރީއަތަށް ވަނުމަށް ފޯމު ހުށައަޅާކަށް ނުޖެހެއެވެ. ރަޖިސްޓްރީވާ ނޫސްވެރިންނަށް ކޯޓުން ހާއްސަ ކާޑެއް ކޯޓުން ދޫކުރާނެކަމަށާއި ރަޖިސްޓްރީނުވާ ނޫސްވެރިންނަށް ކޯޓަށް ވަދެވޭނީ އާއްމު އުސޫލުން 15 މިނެޓް ކުރިން ނަން ނޯޓުކޮށްގެން ކަމަށްވެސް ކްރިމިނަލްކޯޓުން އަލަށް އެކުލަވާލި އުސޫލުގައިވެއެވެ.
މި ބަދަލާއި އެކު ޝަރީއަތް އަޑުއަހަން ރަޖިސްޓްރީ ވެގެން ވަންނަ ނޫސްވެރިންނަށް ފޮތާއި ގަލަން ވެއްދޭނެއެވެ. މީގެކުރިން ކޯޓުން މިކަމުގައި އަމަލުކުރަމުން އަންނަނީ ކޮންމެ ނޫސްވެރިޔަކުވެސް ކޯޓް ރޫމަށް ވެއްދުމަށްފަހު ކޯޓުން ގަލަމަކާއި ގަނޑެއް ދެނީއެވެ.
ޝަރީއަތްތައް އަޑުއަހަން ވަންނަން ބޭނުންވާ ނޫސްވެރިންނަށް ގިނަ ދަތިތަކާއި މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ކުރިމަތިވެފައެވެ. މިގޮތުން ބައެއް މީޑިއާތައް ނުވެއްދުމާއި ޖާގަ ނުލިބުމުގެ މައްސަތައްވެސް ވަނީ ފެންމަތިވެފައެވެ.
އާ އުސޫލެއް ހަދާ އެ އުސޫލަށް ކްރިމިނަލްކޯޓުން އަމަލުކުރަން ފަށާފައިވާއިރު ހައިކޯޓާއި ސިވިލްކޯޓުން އަންނަނީ އަބަދުވެސް ނޫސްވެރިންނަށް ލުއިގޮތްތަކެއް ހަމަޖައްސާދެމުންނެވެ.