ދީނީ އެއްބައިވަންތަކަމާއި ޚިލާފު މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތަކެއް ރާއްޖޭގައި ބާއްވަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ އެކަން ބަލަމުންދާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފަށް ރާއްޖޭގެ އެކި ރަށްތަކުގައި މި ވޯކްޝޮޕްތައް ބާއްވަމުން އަންނަކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ބައެއް އާއްމުންދަނީ މި ޕްރޮގްރާމްތަކުގެ ވާހަކަ ޙިއްސާކޮށް ނުރުހުން ފާޅުކުރަމުންނެވެ. މިގެ ވޯކްޝޮޕްތައް ރާއްޖޭގެ ދެކުނުގެ ރަށްތަކުގައާއި، އަދި އުތުރުގެ ބައެއް ރަށްތަކުގައިވެސް ބާއްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ސެޝަންތައް ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއްކަމަށްވާ ކިއުލިއަމް ނަމަކަށްކިޔާ ޖަމިއްޔާއަކުންނެވެ. އަދި ސެޝަންތަކުގައި މަޢުލޫމާތުދެނީ މި ޖަމިއްޔާތައް މެދުވެރިވެގެން އައިސްފައިވާ ބޭރު މީހުންނެވެ.
މި ޖަމިއްޔާއިން ކުރިއަށްގެންދާ ސެޝަންތަކުގައި ދީނާއި މެދު ސުވާލު އުފައްދާއި، ދީނުގައި ނަހީ ކުރެއްވި ކަންކަމަށް ބާރުއަޅާ ވާހަކަދެއްކިކަމަށް، ސެޝަންގެ ބައިވެރިންނާއި ހަވާލާދީ ނޫސްތަކުގައި ރިފޯޓްކޮށްފައިވެއެވެ.
މި ސެޝަންތައް ކުރިއަށްގެންގޮސްފައި ވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި، ސަރުކާރާއި، ރަށުގެ އެހެނިހެން މުޢައްސާތަކުގެ މުޢައްޒަފުންނަށް ޢަމާޒުކޮށްގެންނެވެ.