ރ. އުނގޫފާރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިހެން ވިދާޅުވެފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ވަޑައިގެން، އެ ރަށު ކައުންސިލާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުނގޫފާރަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުނގޫފާރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރަށުގެ ތަރައްޤީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މަޢުލޫމާތު އުނގޫފާރު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތަކާއި މެދު ހުރި ބައެއް ކަންބޮޑުވުންތައް ހިމެނެއެވެ.
މިގޮތުން، އުނގޫފާރު ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކާއި މަގު ހެދުމާއި، މިސްކިތް ތަރައްޤީކުރުމުގެ މަޝްރޫޢާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ވަނީ ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން ކައުންސިލަރުން ވަނީ، އެ ރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ އާއި ސާފު ބޯފެން ފޯރުކޮށްދެވޭ މިންވަރަށްވުރެ ޑިމާންޑް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން އެންމެ ގާތުން ބައްލަވައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅުތަކެއްކަމުގައި ވިދާޅުވިއެވެ. އަދި އުނގޫފާރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި މަހުގެ 20 ވަނަ ދުވަހު އަމަލުކުރާން ފަށާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ކައުންސިލުން އިހުނަށްވުރެ ބޮޑަށް ވިސްނަވައި، އިސްކަންދެއްވައިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކައުންސިލުގެ މެމްބަރުންނަށް ބާރުއަޅުއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުވަނީ، ރަށުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކޮށް ޞިއްޙީ ހޭލުންތެރިކަން އިތުރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.