ސިކުނޑިއަށް ލޭފޮނުވާ ހޮޅިތަކަށް ދިމާވާ ބައެއް މައްސަލަ، ބޮޑު އޮޕަރޭޝަނެއް ނުކޮށް ޙައްލުކުރުމަށް ދެވޭ ޓްރީޓްމަންޓް ކަމަށްވާ ނިއުރޯއެންޑޯވަސްކިއުލަރ ޚިދުމަތް އޭޑީކޭ ހޮސްޕިޓަލުގައި ތަޢާރަފްކޮށްފިއެވެ. މީގެ ސަބަބުން ސްޓްރޯކެއް ޖެހުމުގެ ކުރިން ފަރުވާ ދެވި ބަލިމީހާއަށް ލިބޭ ދާއިމީ ގެއްލުންތައް ކުޑަކުރެވޭނެކަމަށް އޭޑީކޭއިން ވިދާޅުވެއެވެ.
ސެރެބްރޯވަސްކިއުލަރ ޑިސީސް ނުވަތަ ސިކުނޑިއަށް ލޭފޮނުވައިދޭ ހޮޅިތަކަށް ދިމާވާ އެކި މައްސަލަތަކަކަށް ދެވޭ ފަރުވާ ކަމަށްވާ ނިއުރޯއެންޑޯވަސްކިއުލަރ ޓްރީޓްމަންޓް ދެނީ ލޭ ކޮޅެއް ގަނޑުވުމުގެ ސަބަބުން ލޭހޮޅި ބެދުމާއި ނާރު ފުއްޕުމުގެ ސަބަބުން ނާރު ފަޅައިގެން ދިޔުމާއި ސިކުނޑިއަށް ލޭ ލީކް ވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމައެވެ. ރާއްޖޭގައި މިޓްރީޓްމަންޓް މުޅި އަލަށް ދޭން ފަށާފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ފޯރ ނިއުރޯ ސަރޖަރީ ޑރ.ޢަލީ ނިޔާފްއާއި ނިއުރޯ ސަރޖަން ޑރ.ކިރަން ނިރޯލަރއާއި އޭޑީކޭގެ ނިއުރޯސަރޖަރީ ޑިޕާޓްމަންޓް ގުޅިގެން ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މިޚިދުމަތަށް އޭޑީކޭގެ ކެތުލެބް ތައްޔާރުކޮށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުވައި ދީފައިވަނީ ނިއުރޯސަރޖަރީގެ ދާއިރާގައި 11 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ލިބިފައިވާ އިންޑިޔާގެ ޑޮކްޓަރެއް ކަމަށްވާ ޑރ.އަރްވިންދްއެވެ
ވޭތުވެ ދިޔަ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި އޭޑީކޭގައިވަނީ 3 މީހެއްގެ ސިކުނޑީގައި ހޮޅިތަކަށް ދިމާވެފައިހުރި އެކި މައްސަލަތައް ޙައްލުކުރުމަށް ނިއުރޯއެންޑޯވަސްކިއުލަރ ޓްރީޓްމަންޓް ދީފައެވެ. އޭޑީކޭއިން މަޢުލޫމާތު ދިން ގޮތުގައި މިތިން މީހުންނަކީ އެކި މައްސަލަތައް ދިމާވެގެން ހޮސްޕިޓަލަށް ދައްކަން ދިޔަ 10 މީހެއްގެ ޑިޖިޓަލް ސަބްޓްރެކްޝަން އެންޖީއޯގްރަފީ ނުވަތަ ޑީއެސްއޭ ހެދިއިރު ސިކުނޑިއަށް ލޭފޮނުވާ ހޮޅިތަކަށް މައްސަލަދިމާވެފައިވާ ކަމަށް ފާހަގަކުރެވުނު ތިންމީހުންނެވެ.
މީގެ ތެރެއިން ފަރުވާދިން ފުރަތަމަ ދެމީހުން މިހާރުވަނީ ގެއަށް ދޫކޮށްލާފައި ކަމަށާއި އަނެއް މީހާގެވެސް ހާލު ރަނގަޅުކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ.
އޭޑީކޭއިން އަލަށް ފެށި މި ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ މިއީ މުޅިން އަލަށް ރާއްޖޭގައި ފެށި ޚިދުމަތެއް ކަމަށާއި މިޚިދުމަތް ފުޅާކުރުމަށް ޑރ.އަރްވިންދާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ޢާއްމު ގޮތެއްގައި ކެތުލެބެއްގައި ދެވޭ ފަރުވާއަކީ ހިތުގެ އެކި މައްސަލަތަކަށް ދެވޭ ފަރުވާކަމަށް ޤަބޫލުކުރވިފައި އޮތްނަމަވެސް އޭޑީކޭގެ ކެތުލެބުގައި ޚިދުމަތް ފުޅާކޮށް ސިކުނޑީގެ އެކި ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އައްފާލް ވިދާޅުވިއެވެ. އެގޮތުން އެމްއާރްއައި އާއި ޑީއެސްއޭގެ 3-ޑީ އިމޭޖް ބޭނުންކޮށްގެން ލިބިފައިވާ ގެއްލުންތައް ދެނެގަނެވޭ ޓެކްނޮލޮޖީ މިހާރު ޤާއިމުކޮށްފައިވާކަން އައްފާލް ފާހަގަކުރެއްވިއެވެ.
މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޭޑީކޭގެ ސީނިއާ ކޮންސަލްޓަންޓް ފޯރ ނިއުރޯސަރޖަރީ ޑރ.އަލީ ނިޔާފް ވިދާޅުވީ މި ޚިދުމަތާއެކު ސްޓްރޯކެއް ޖެހުމުގެ ކުރިން ފިޔަވަޅު އެޅި ބަލި މީހާ އުފުލަން ޖެހޭ ތަކުލީފު ކުޑަކުރެވިފައިވާކަމަށެވެ. އެހެންކަމުން ސްޓްރޯކެއްގެ އަލާމާތެއް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް ހޮސްޕިޓަލަށް އައުމަށް ޑރ.ޢަލީ ނިޔާފް އިލްތިމާސްކުރެއްވިއެވެ. އަދި ސްޓްރޯކެއް ޖެހިގެން އަންނަ މީހުންގެ ތެރޭގައިވެސް އަވަހަށް ގެނެވޭ ޕޭޝަންޓުންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުކަން ޑރ.އަލީ ނިޔާފް ފާހަގަކުރެއްވިއެވެ.
އޭޑީކޭގެ އަމާޒަކީ ސިކުނޑިއަށް ދިމާވާ އެކި ބަލިތަކާއި އަދި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ތަޢާރަފްކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމުގެ އިތުރުން އާއްމުންގެ އިތުބާރުވެސް ބޭނުންވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.