ޚަބަރު

ކޯވިޑް-19 ޖެހިފައިވާ 43 މީހަކު އީރާނުން ފެނި، 8 މީހުން މަރުވެއްޖެ


އިރާނުގައި އިތުރު ފަނަރަ މީހެއްގެ ގައިން ނުރައްކާތެރި ކޮރޯނާވައިރަސް، ކޯވިޑް-19 ފެނި، ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޖުމްލަ ޢަދަދު ސާޅީސް ތިނަކަށް އަރައިފިއެވެ.

އީރާނުގައި މިހާތަނަށް ވައިރަހުގެ ސަބަބުން އަށް މީހުން މަރުވެފައިވެއެވެ. އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވަނީ ވެރިރަށް ތެހްރާނާ 120 ކިލޯމީޓަރު ދެކުނުގައި އޮންނަ ރަށެއް ކަމަށްވާ ޣޫމްގައެވެ. އެޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ސަޢީދު ނަމާކި ވިދާޅުވިގޮތުގައި ޣޫމަށް ވައިރަސް ފޯރާފައިވަނީ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް އާންމުކޮށް ދަތުރުކުރާ ވިޔަފާރިވެރިއެއްގެ ފަރާތުންނެވެ.

ޗައިނާއާއި އީރާނާއި ދެމެދު އޮންނަ ސީދާ ވައިގެ ދަތުރުތައް ހުއްޓާލާފައިވަނިކޮށް އެމީހާވަނީ ނުސީދާ ފްލައިޓުތައް މެދުވެރިކޮށް ޗައިނާއިން ޣޫމަށް އެތެރެވެފައެވެ. ވައިރަހުގެ ސަބަބުން އެމީހާ މިހާރުވަނީ މަރުވެފައިކަމަށް ސަޢީދު ވިދާޅުވިއެވެ. ޞިއްޙަތާބެހޭ ވަޒީރުވަނީ މީހުން އާންމުކޮށް ދަތުރުކޮށްއުޅޭ ޣޫމަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއަވަށުގެ މަދަރުސާތަކާއި ދީނީ ތަޢުލީމުދޭ މަރުކަޒުތައްވަނީ ބަންދުކޮށްފައެވެ.

ކޯވިޑް-19ން ރައްކާތެރިވުމުގެ ގޮތުން އީރާނާއި އިންވެގެން އޮންނަ ތުރުކީވިލާތުންވަނީ ދެޤައުމު ގުޅުވައިދޭ ޞަރަޙައްދީރޮނގު ބަންދުކޮށް، ހައިވޭތަކާއި ރޭލުދަތުރުކުރާ މަގުތައް ބަންދުކޮށްފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުތައްވަނީ މެދުކަނޑާލާފައެވެ.