ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ގިނަ ސަބަބުތަކެއް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް މިއަދު ހުށައަޅުއްވައިފި އެވެ.
މަނީލޯންޑަރކުރުމުގެ ކުށުގައި ފަސް އަހަރަށް ރައީސް ޔާމިން ޖަލަށް ލެއްވުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށްދިނުމަށް އެމަނިކުފާނު ހުށައަޅުއްވާފައިވާ މައްސަލައިގައި ހައިކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ 75 ސަބަބެއްގެ ހުށައަޅުއްވާފައި އެވެ.
ޖަލު ހުކުމް ބާތިލްކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ފާހަގަ ކުރި ބައެއް ނުކުތާތަކުގެ ތެރޭގައި ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ތަފާތުކުރުމުގެ ތެރެއިން ކަމަށާއި ދައުވާކޮށްފައިވާ ކުށާ ގުޅޭ ގޮތުން ތަހްގީގުގައި އެމަނިކުފާނާ ސުވާލެއް ކޮށްފައިނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި މި މައްސަލަ ކްރިމިނަލް ކޯޓަށް ބަލައިގެންފައިވަނީ ވެސް އަދި ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް ކަމަށް ރައީސް ޔާމިންގެ ވަކީލުން ވިދާޅުވިއެވެ. ހަމަ އެހެންމެ މި މައްސަލައިގައި ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސްދިން މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި ދަށު ކޯޓުގައި ޝަރީއަތްކޮށްފައި ވަނީ އެމަނިކުފާނަށް އެކަށީގެންވާ ވަގުތު ފުރުސަތުތައް ނުދީ ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
މި އަޑުއެހުމުގައި އިސްތިއުނާފުގެ ނުކުތާ ތަކުގެ ޚުލާސާތައް އެއްކޮށް ހުށައެޅުމަށް ދެން އޮންނަ އަޑުއެހުމަކަށް ނިންމީ ދޮޅުގަޑިއިރު މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ފަހުއެވެ. އަދި ދެން އޮންނަ އަޑު އިސްތިއުނާފުގެ ހުރިހާ ނިކުތާއެއް ހުށައެޅުމަށާއި އޭގެ ފަހުން އޮންނަ އަޑުއެހުމުގައި ދައުލަތުން އެ ނުކުތާތަކަށް ޖަވާބުދާރީވާން ޖެހޭނެކަން ފަނޑިޔާރުންގެ މަޖިލީހުން ފާހަގަ ކުރެއްވި އެވެ.
ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެމަނިކުފާނު މިނިވަންކޮށްދިނުމަށް ރައީސް ޔާމިން ހުށައެޅުވުމުން އެ ކޯޓުން ނިންމީ އެމަނިކުފާނު މިނިވަންކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް އެމަނިކުފާނު ހުށައެޅުއްވި ކަމަށާއި އެހެން ނަމަވެސް އެ ނިންމުން މުރާޖައާކުރަން ނުފެންނަކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމިކަމަށްވެސް މި އަޑުއެހުމުގައި ވަނީ ހާމަ ކުރައްވާފައި އެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ މަހު 3 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ފަސް ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އެހެން ކަމުން މާޗު ފަސް ވަނަ ދުވަހު އިސްތިއުނާފުގެ އަޑުއެހުންތައް ނިމިދާނެ އެވެ.