ޚަބަރު

ޖިންސީ ގޯނާކުރި ކާފަ އާއި މުނިކާފަގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ފަށަނީ


ދެކުނުގެ ރަށެއްގައި ޢުމުރުން ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް އުފުލި ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ފަށަން ތާވަލުކޮށްފިއެވެ.

ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ގއ.ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ އާއިލާ މެމްބަރަކު އެއާއިލާގެ ކުއްޖަކަށް ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.

މިދައުވާ އެމީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 15ވަނަ މާއްދާގެ (ހ)އާއި ޙަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުންނެވެ.

އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ވެސް ވަނީ އިހުމާލުވުމުގެ ދައުވާ އުފުލާފައެވެ. އެހެން ނަމަވެސް އެމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަދި ނުފަށައެވެ.

މި މައްސަލައިގެ އިތުރުންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅިގެން ދައުވާ އުފުލާފައިވާ ބައެއް މީހުންގެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ކްރިމިނަލް ކޯޓުގައި މިއަދުވެސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ކޯޓުތަކަށް އަންގަވާފައެވެ.