އާންމު އިޖްތިމާޢީ ޒިންމާ ނުވަތަ ސީ.އެސް.އާރުގެ ގޮތުގައި ސަތޭކަ ވިހި މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓަރުންގެ އަތުން ހޯދައި އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާއަށް ޓޫރިޒަމް މިނިސްޓްރީން އިޙްމާލުވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާރ ޖެނެރަލް ޢާންމު ކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ސީ.އެސް.އާރުގެ ގޮތުގައި ސަތޭކަ ވިހި މިލިއަން ހަތްސަތޭކަ ހަ ހާސް ތިންސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ދެއްކުމަށް އިންވެސްޓަރުންނަށް އެ މިނިސްޓްރީއިން އަންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ފައިސާގެ ތެރެއިން ކުންފުނިތަކަށް ނުވަދިހަ ފަސް މިލިއަން އެއް ސަތޭކަ ތިން ހާސް ހަތްސަތޭކަ ހަ ރުފިޔާ ލިބިފައިވާކަން އެ ކުންފުނިތަކުން ކަށަވަރުކޮށްދީފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓާ، ޓްރެއިނިންގ ރިސޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުއްޔަށްދީފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އުސޫލުގެ ދަށުން ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަންގެ ގޮތުގައި އިތުރު ކުރެވޭ ކޮންމެ މަހަކަށް ނަގާ ފަނަރަ ހާސް ޔޫ.އެސް ޑޮލަރުގެ އިތުރުން، ސީ.އެސް.އާރުގެ ގޮތުގައި އިތުރަށް ފައިސާ ނަގާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.
މި ފައިސާ އަކީ ކުއްޔަށްދީފައިވާ ތަންތަން ތަރައްޤީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކޮށްދޭނަމަ، އެފަރާތަކުން ސީ.އެސް.އާރުގެ ގޮތުގައި ދިވެހި މުޖުތަމަޢަށް އިޤްތިޞާދީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ފައިދާވާނެ ކަންކަމަށް ޚަރަދުކުރުމަށް ރާވާފައިވާ ކަންކަމަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިންވެސްޓަރުންގެ އަތުން ނަގާފައިވާ ފައިސާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެކި ފަރާތްތަކުން ސީ.އެސް.އާރުގެ ގޮތުގައި އެކި ޢަދަދު ނަގާފައިވާއިރު، ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކުރުމުގައި، ސީ.އެސް.އާރުގެ ގޮތުގައި ނަގާނެ ފައިސާގެ އަދަދު ކަނޑައަޅަނީ ކޮން މިންގަނޑަކުންކަން އެނގެން ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ޕްރޮޖެކްޓްތަކަށް ސީއެސްއާރުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ އާއި މެދު އަމަލުކުރުމާބެހޭ އުސޫލުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން އުޞޫލެއް ތައްޔާރުކޮށް އެ އުޞޫލަށް ޢަމަލުކުރަމުން ދިޔަ ނަމަވެސް، އެ އުޞޫލަކީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލެއްނޫންކަންވެސް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ސިފައިންގެ ވެލްފެއަރ ކޯމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އަށް ދައްކަން މިނިސްޓްރީ އޮފް ޓޫރިޒަމުން އަންގާފައިވާ ފަންސާސް ދެ މިލިއަން ހަތަރު ސަތޭކަ ހަތަދިހަ ތިން ހާސް ފަސް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާގެ ތެރެއިން ސާޅީސް ހަތް މިލިއަން ނުވަ ސަތޭކަ ހަތްދިހަ ތިން ހާސް ފަސްސަތޭކަ ފަސް ދޮޅަސް ރުފިޔާ އެކުންފުންޏަށް ލިބިފައިވާކަން އެކުންފުނިން ކަށަވަރުކޮށްދީފައި ވީނަމަވެސް ބާކީ ހަތަރު މިލިއަން ފަސްސަތޭކަ ހާސް ރުފިޔާ އެކުންފުންޏަށް ލިބިފައިނުވާކަމަށް އެކުންފުނިން މައުލޫމާތު ދީފައިވާކަން ފާހަގަކޮށްފައިވެއެވެ.
އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމް.އައި.ޓީ.ޑީ.ސީ)އަށް ތިރީސް ހަ މިލިއަން ހަ ސަތޭކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ސާޅީސް ރުފިޔާ ޖަމާކުރުމަށް އެކިއެކި އިންވެސްޓަރުނަށް މިނިސްޓްރީއިން އަންގާފައި ވީނަމަވެސް، މިފައިސާގެ ތެރެއިން އެ ކުންފުންޏަށް ލިބުނުކަމަށް އެކުންފުނިން ކަށަވަރުކޮށްދީފައިވަނީ ތިރީސް އެއް މިލިއަން ހަތަރު ސަތޭކަ އެއް ހާސް ނުވަ ސަތޭކަ ވިހި ރުފިޔާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފަސް މިލިއަން ދުއިސައްތަ ފަންސާސް އަށް ހާސް ދުއިސައްތަ ވިހި ރުފިޔާ އެކުންފުންޏަށް ލިބިފައިނުވާކަމަށް އެކުންފުނިން މައުލޫމާތު ދީފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދިނުމަށް މިނިސްޓްރީ އިން އަންގާފައިވާ ނުވަ މިލިއަން ތިން ސަތޭކަ އަށްޑިހަ ނުވާ ހާސް ހަތް ސަތޭކަ ހަތްދިހަ އަށް ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައިވާކަމަށާއި، ނަމަވެސް ސްޓެލްކޯއަށް ސީ.އެސް.އާރުގެ ގޮތުގައި ޚަރަދުކޮށްފައިވަނީ ޖުމްލަ ފަސް މިލިއަން ހަ ސަތޭކަ ހަ ހާސް އަށްޑިހަ ރުފިޔާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއަށް ތޭރަ މިލިއަން އަށް ސަތޭކަ ހަތްދިހަ އަށް ހާސް ރުފިޔާ ދައްކަން މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިންވެސްޓަރުންނަށް އަންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، މީގެ ތެރެއިން އެކުންފުންޏަށް ލިބިފައިވަނީ ހަސަތޭކަ ތިރީސް ދެހާސް ދުއިސައްތަ ވިހި ރުފިޔާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި އޮޑިޓް ރިޕޯޓުގައިވާގޮތުން ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްއަށް ހަ މިލިއަން އަށް ސަތޭކަ ހަތަރު ހާސް ދުއި ސައްތަ ނަވާވީސް ރުފިޔާ ދެއްކުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އެކިއެކި އިންވެސްޓަރުންނަށް އަންގާފައިވާކަމަށާއި، މި ފައިސާގެ ތެރެއިން ތިން ސަތޭކަ އަށް ހާސް ހަތަރު ސަތޭކަ ރުފިޔާ އެކުންފުންނަށް ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އަދި ސީ.އެސް.އާރުގެ ގޮތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އަށް ތިން ސަތޭކަ ސާދަ ހާސް އަށް ސަތޭކަ ތިރީސް ރުފިޔާ ޖަމާކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އިންވެސްޓަރުންނަށް އަންގާފައިވީ ނަމަވެސް، ސީ.އެސް.އާރުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައިވާކަން އެކުންފުނީގެ ރިކޯޑުތަކުން ނުދައްކާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
ސީއެސްއާރުގެ ގޮތުގައި ލިބުނު ފައިސާގެ ތަފްސީލް އެނގެން ނެތުމުން އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ އިދާރާއަކުން އަންގައިގެން ފައިސާއެއް ނަގާނަމަ، އެ ފައިސާއެއް ދައުލަތުގެމާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިނިސްޓްރީއަށް އިރުޝާދުދީފައެވެ.