ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ ރަމަޟާން މަހު ޕީއެސްމްއިން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުޑަކުދިންގެ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައި ވައިރު، މާލޭގެ އޮޑިޝަން މިހާރު ވަނީ ފަށާފައެވެ.

މިގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭގެ އޮޑިޝަންތައް ދަނީ ބާއްވަމުންނެެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހިރާއްޖޭގެ އަޑުގެ މެނޭޖަރ ރޭޑިއޯ ޕްރޮޑަކްޝަން ނަސްރުﷲ އިދްރީސް ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ އޮޑިޝަން ތައް ކުރިއަށް ގެންދިޔުމުގައި ބައެއް ބަދަލުތައް ގެނެސްފައިވާކަމަށެވެ. އެގޮތުން އޮޑިޝަންގައި ބައިވެރިވުމަށް މިފަހަރުގެ މުބާރާތުގައި ކިޔު ނަންބަރެއް ދޫކުރާނެކަމަށެވެ.

އެހެންކަމުން މުބާރާތުގައ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރަތަމަ ނަގަން ޖެހެނީ މި ކިޔު ނަންބަރުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަންނަ ހަފްތާ ބަންދުގައި ކުރިއަށްދާ މާލޭގެ އޯޑިޝަންގައި ބައިވެރިވާން ބޭނުންވާ ކުދިން މިހަފްތާގެ ތެރޭގައި ކިއު ނަންބަރު ދޫކުރާނެއެވެ. ކިއުނަމްބަރު ދޫކުރާނީ މާފަންނުގައި ހުންނަ ރޭޑިއޯ ބިލްޑިންގގެ ކައުންޓަރުންނެެވެ.

"އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އޯޑިޝަންގައި ބައިވެރިވުމަށް ކިޔު ނަންބަރެއް ނަގަން އެބަޖެހޭ. މިނަންބަރު ނެގީމަ ކުއްޖާއަށް އިނގޭނެ އޯޑިޝަންއަށް އަންނަންވާ ދުވަހާއި ކިޔަވަން ހަމަޖެހިފައިވާ މުޤައްރަރުވެސް. މީގެ ސަބަބުން ކުރިއާ ޚިލާފަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިއަހަރުގެ އޯޑިޝަންގައި ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުގެ ތެރޭގައި ކިޔަވާ ނިމޭނެ." ނަސްރުﷲ ވިދާޅުވިއެވެ.

މާލޭގެ އިތުރުން މިފަހަރުގެ އޮޑިޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހދ.ކުޅުދުއްފުޓައި ފ.ނިލަންދޫގެ އިތުރުން ފުވައްމުލައް ސިޓީގައެވެ. އަދި އަންނަ މާޗުމަހުގެ ތެރޭގައި މިރަށްރަށުގެ އޯޑިޝަންތައް ފަށާނެކަމަށް ނަސްރުﷲ އިދްރީސް ވިދާޅުވިއެވެ.

"މީހުން ހީކޮށްފާނެ އަޅުގަނޑުމެން ހަމައެކަނި ފޯކަސް މިކުރަނީ މާލޭގެ އިތުރުން މި 3 ސަރަޙައްދަށޭ. އެކަމަކު އަސްލު މިއިން ކޮންމެ ސަރަޙައްދެއްގައިވެސް އޯޑިޝަންކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް އޮންނާނެ." ނަސްރުﷲ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ ޤުރުއާން މުބާރާތުގައި ބައިވެރިވާ ކުދިންގެ އެންމެ ފުރަތަމަ ކުރިއަށްގެންދަނީ މުބާރާތަށް ކުދިން ހޮވުމަށްޓަކައި ކުރިއަށްގެންދާ އޮޑިޝަންއެކެވެ. ޕީއެސްއެމްގެ ޗެނަލްތަކުން ދުރަށް ފޮނުވާނީ އޮޑިޝަނުން ފާސްވެ މުބާރާތުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމެވެ. އަދި އޮޑިޝަންއިން ހޮވޭ ކުދިންގެ ތެރެއިން މުބާރާތުގައި ކިޔަވާ ދަރިވަރުންގެ މެދުގައި ވަނަތައް ހޮވައި އިނާމްދޭނެއެވެ.