ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ އީދު 500 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.
މި ފަހަރުގެ އަދަބީ ޢީދު ޚާއްސަކޮށްފައި ވަނީ މާލޭގެ ސްކޫލްތަކަށެވެ.
ދިވެހިބަހާއި ބަހުގެ އެކި ބައިތަކާއި ދިވެހި ތާރީޚާއި ޘަގާފަތް ދިރުވައި އާލާކުރުމުގެ މަގުސަދުގައި ބަހުގެ އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ އަދަބީ ޢީދު ތާޖުއްދީން ސްކޫލްގައި ފަށާފައި ވަނީ މިއަދުއެވެ.
މާލޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އަދަބީ ޢީދުގައި 19 ސްކޫލަކުން 500 އަށްވުރެ ގިނަ ދަރިވަރުން މިފަހަރު ބައިވެރިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.
ހެނދުނު 9 އަކުން ހަވީރު 6 ޖެހުމާއި ހަމައަށް އަދަބީ ޢީދުގެ ޙަރަކާތްތައް ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ކުރިއަށްދާނެއެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ރައިސާ ނ.ޢ.ޢ.ވ އަނީސާ ޢަޙްމަދު ވިދާޅުވީ ދިވެހިބަހާއި ޘަޤާފަތް ދިރުވާއާލާ ކުރެވޭނީ ސްކޫލްތަކުގައި ތަޢުލީމު ޙާސިލުކުރަމުންދަ ދަރިވަރުންނަށް ބަހުގެ މުހިއްމުކަން ވިސްނައިދެވިގެންކަމަށާއި ބަހާ މެދު ފަޚުރުވެރިވާ ބަޔަކަށް އެކުދިން ހެދިގެންކަމަށެވެ.
އަދި ސްކޫލް ދައުރަށްފަހު ރާއްޖޭއިން ބޭރުގައި ތަޢުލީމު ޙާސިލުކުރުމަށް ލިބޭ ފުރުސަތުގައިވެސް ދުނިޔޭގެ އެހެން ޤައުމުތަކަށް ދިވެހި ބަހާއި ޘަޤާފަތް ގެންދިޔުމަށް ބާރުއަޅުއްވާ އެކަމުގެ މުހިއްމުކަން އަނީސާވަނީ ދަރިވަރުންނާ ހިއްސާ ކުރައްވާފައެވެ.
"ދުނިޔޭގައި އެކި ހިސާބުތަކުގައި ވާހަކަ ދައްކާ އުޅޭ އެތައް ބަހެއް އެބައޮތް. އެކަމަކު މީސްކޮޅު މަދުނަމަވެސް ދިވެހިންނަނީ ނަސީބު ގަދަ ބައެއް. އަމިއްލަ ބަހެއް އޮވެ އެބަސް ލިޔަނެ އަކުރެއް އޮތުމަކީ ކޮންމެ ބަހަކަށް ލިބިގެންވާ ޝަރަފެއް ނޫން. އެހެންކަމުން އެކަމަކީ މުޅި ދުނިޔެވެސް ބަލައިގަންނަކަމަކަށްވާއިރު އަމިއްލަ ޤައުމުގެ މި ނަސީބާމެދު ފަޚުރުވެރިވާންވާނެ ކޮންމެ ކުއްޖަކުވެސް." އަނީސާ ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައިސް އަޝްރަފް ޢަލީ ވިދާޅުވީ ދުނިޔެ ބަވަނަވަމުންދިޔުމާއި ގުޅިގެން ބޮޑެތި ބަސްތަކުގެ ސަބަބުން ކުދި ޤައުމުތަކުގެ ބަސްތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. އަދި މިހާތަނަށް އެތައް ބަހަކާއި ބަހުރުވައެއް ނެތިގެން ގޮސްފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވީ ރާއްޖޭގެ އާބާދީއާއި އަޅާ ބަލާއިރު ދިވެހިންގެ ބަހުރުވަތައްވެސް ގިނަ ކަމަށެވެ. އަޝްރަފް ވިދާޅުވީ ރާއްޖޭގައި މައިގަނޑު 4 ބަހުރުވައެއް އޮންނަކަމަށެވެ. އެއީ ހައްދުންމަތީ ބަހުރުވައާއި ހުވަދޫ ފުވައްމުލައް އަދި އައްޑޫ ބަހުރުވަކަމަށެވެ. މިބަހުރުވަތައް ކުރިއެރުވުމަށް އެހިސާބުތަކުގެ މީހުން ކުރަމުން އަންނަ މަސައްކަތް އަޝްރަފް ފާހަގަކުރެއްވިއެވެ.
" ބަހަށް އަސަރުކުރަނީ ހަމައެކަނި ތަޢުލީމީ ނިޒާމުގެތެރެއިނެއް ނޫން. އެހެންވީމަ ބަހަށް އަސަރުކުރާ ގޮތްތައއް ދެނެގަންނަ އެބަޖެހޭ. ވޭތުވެ ދިޔަ އަހަރުތަކުގައި ބަހަށް ގެއްލުންވަމުން އައި ނިސްބަތަށްވުރެ ހަލުވިކަމާއެކު މިއަދު މިފެންނަނީ އެއަސަރުތައް. މިއީ ކަންބޮޑުވާންޖެހޭ ކަމެއް." އަޝްރަފް އަލީ ވިދާޅުވިއެވެ.
2014 ވަނަ އަހަރުން ފެށިގެން ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ ޢަދަބީ ޢިދަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކޮށް ބަސް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާނެ ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކެކެވެ. އެގޮތުން ޅެން ކިޔުމާއި ޅެން ހެދުމާއި ރައިވަރު ކިޔުމާއި ރައިވަރު ހެދުމުގެ އިތުރުން ވާހަކަ ދެއްކުމާއި ލިޔުންތެރިކަމާ ގުޅޭ މުބާރާތްތައް ވާދަވެރި މާޙައުލެއްގައި ކުރިއަށް ގެންދިޔުމަށް އެކަޑަމީން ވަނީ ރާވާފައެވެ.