ކުޅިވަރު

ޔޫއޭއީ މެރެތަންގައި ރާއްޖޭގެ ދުވުންތެރިން ތިން ޤައުމީ ރެކޯޑް ހެދިއިރު، ޖިނާނީއާއި މޯޑު 5 ކީލޯމީޓަރު އިވެންޓްގެ އެއްވަނަ ހޯދައިފި


ޔޫއޭއީގައި އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގައި ރާއްޖޭގެ ތިން ދުވުންތެރިއަކު ޤައުމީ ރެކޯޑް ހެދިއިރު، 5 ކިލޯމީޓަރު ދުވުމުގެ އަންހެން ބައިން ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އީނު) އެއްވަނަ ހޯދައި، މި އިވެންޓްގެ ފިރިހެން ބައިން މުހައްމަދު ރަޝީދު (މޯޑް)ވެސް އެއްވަނަ ހޯދައިފިއެވެ.

ރަސް އަލް ޚައިމާހް ހާފް މެރަތަންގެ 5 ކިލޯމީޓަރު ދުވުމުގެ އަންހެން ބައިން ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އީނު) އެއްވަނަ ހޯދިއިރު އޭނާވަނީ މި އިވެންޓުން ޤައުމީ ރެކޯޑުވެސް މުގުރާލާފައެވެ. މި ރެކޯޑު ކުރިން އޮތީ މަރިޔަމް އަބްދުލްކަރީމް (މަރީ)ގެ އަތުގައެވެ. އޭނާ ރެކޯޑު ހެދީ 2017 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި 20:48 މިނެޓުން ދުވެގެންނެވެ. ޖިނާނީ ޤައުމީ ރެކޯޑު މުގުރާލީ މަރީގެ ޓައިމިންގއަށްވުރެ 14 ސިކުންތު އަވަހަށް ދުވެގެންނެވެ.

ރަސް އަލް ޚައިމާހް ހާފް މެރަތަންގެ 5 ކިލޯމީޓަރު ބައިން ރެކޯޑް ހަދައި އަންހެން ބައިން އެއް ވަނަ ހޯދުމުގެ އިތުރުން ޖިނާނީ ވަނީ މުޅި ރޭހުން ދެ ޖިންސު އެއްކޮށް ނުވަ ވަނަ ހޯދައިފައެވެ. މިއީ މީގެ ފަސް މަސްކުރިން ދުވުމުގެ ތެރެއަށް އައި ދުވުންތެރިޔާއަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

5 ކިލޯމީޓަރު ދުވުމުގެ ފިރިހެން ބައިން މުހައްމަދު ރަޝީދު (މޯޑް) އެއްވަނަ ހޯދީވެސް މި އިވެންޓުގެ ޤައުމީ ރެކޯޑު މުގުރާލައިގެންނެވެ. މޯޑު ރޭސް ނިންމީ 15:33 މިނެޓުންނެވެ. ކުރިން މި އިވެންޓްގެ ރެކޯޑު އޮތް ހުސެއިން ފަޒީލް ހާރޫން މޮރޮކޯގައި 2018 ވަނަ އަހަރުދުވެ ރޭސް ނިންމީ 15:50 މިނެޓުންނެވެ.

ޔޫއޭއީގެ ރަސް އަލް ޚައިމާހް ހާފް މެރަތަންގައި ރާއްޖޭގެ އަންހެނުންގެ ހާފް މެރެތަން ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ)ވެސްވަނީ އައުކޮށްފައެވެ. މަރީ ރޭސް ނިންމީ 1 ގަޑި 32:42 މިނެޓުންނެވެ. މީގެ ކުރިން ހާފް މެރެތަން ރެކޯޑު މަރީ އައުކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 33:37 މިނެޓުން ދުވެގެންނެވެ. ހެދި ޔުއޭއީ ހާފް މެރެތަންގެ ތެރެއިން މަރީ ވަނީ 10 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުގެ ރެކޯޑް ވެސް އާކޮށްފައެވެ.

10 ކިލޯމީޓަރުގެ ރެކޯޑް މަރީ އައުކުރީ 43 މިނެޓުން ދުވެގެންނެވެ. 1 ގަޑި 06:32 މިނެޓުން ދުވެގެން ކުރިން އޭނާ ހެދި 15 ކިލޯމީޓަރުގެ ރެކޯޑް މި ފަހަރު އައުކުރީ 1 ގަޑި 05:23 މިނެޓުން ދުވެގެންނެވެ. އަދި ކުރިން 1 ގަޑި 29:17 މިނެޓުން ހެދި 20 ކިލޯމީޓަރުގެ ރެކޯޑް މަރީ އައުކުރީ މިފަހަރު 1 ގަޑި 28:11 މިނެޓުން ދުވެގެންނެވެ.