ކުޅިވަރު

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ ހޯދައިފި


ފަހަތުން އަރައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާ އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލަށް ދިއުމާ އެކު ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ.

މި މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ކުރިހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިންނެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ބ.ގޮއިދޫއަށް އުފަން އާދަމް ނިޒާމްއެވެ. މި ލަނޑާއެކު ވެލެންސިއާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ބިދޭސީ ފޯވާޑް އައިރީ ސަމިއުލްއެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ ވެލެންސިއާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީއެވެ. ވެލެންސިއާ އަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފަހު މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސަމިއުލްއެވެ. އޭނާ މި ގޯލު ޖެހީ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހުއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އާދަމް ނިޒާމްއެވެ. އެންމެ މޮޅު ކީޕަރަކީ ކްލަބް ވެލެންސިއާގެ ކީޕަރ މުހައްމަދު ޖަޒްލާންއެވެ. އަދި ފެއާޕްލޭ ޓީމަކީ މަހިބަދޫ ސްޕޯޓްސް ކްލަބްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލަބް ވެލެންސިއާ މި މުބާރާތައް ޓްރެއިންކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްމައީލް އާސިފް ބުނީ، މި މުބާރާތައް ވެލެންސިއާ ނުކުތީ ޗެމްޕިއަންކަން ހޯދޭ ފެންވަރުގެ ޓީމެއް ގޮވައިގެންކަމަށާއި، މިކަން ކާމިޔާބުކުރެވުނީ ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކޮށްގެންކަމަށެވެ. އަދި މި އަހަރު ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ނުވިނަމަ އެކަންކުރަން ދެން އުނދަގޫތަކެއް ދީމާވީސްކަމަށް އިސްމާއިލް އާސިމް ބުންޏެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި އަންނަ ސީޒަނުގައި ވާދަކުރާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ.