ޚަބަރު

އައިޖީއެމްއެޗުގައި ކޯވިޑް-19އަށް ޓެސްޓުކުރެވޭގޮތް ހަމަޖައްސައިފި


ކޯވިޑް19އަށް ޓެސްޓު ކުރެވޭ އިންތިޒާމު ރާއްޖޭގައި ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއިންތިޒާމު ހަމަޖައްސާފައިވަނީ އައިޖީއެމްއެޗުގެ ލެބޯޓަރީގައެވެ.

މިނިސްޓްރރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ކޯވިޑް19 އަށް ޓެސްޓު ކުރާ ކިޓުތައް ރާއްޖެއަށް ޙަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ފަރަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑރ.އަރްވިންދް މާތުރްއެވެ.

މިކިޓުތަކާއި ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ޓެސްޓް ކިޓުތަކާއެކު މިހާރު ރާއްޖެއިން ކޮރޯނާވައިރަސްއަށް ޓެސްޓުކުރެވޭނެކަމަށެވެ. އަދި މިވަގުތު 1000 މީހުން ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިއާއެކު ވައިރަސްއަށް ޓެސްޓުކުރެވޭ މީހުންގެ ނަތީޖާ ލިބުން އަވަސް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯގެ ފަރަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑރ.އަރްވިންދް މާތުރް ވިދާޅުވީ އައިޖީއެމްއެޗުގެ ލެބޯޓަރީއަކީ މިފަދަ ޙާލަތްތަކުގައި ބޭނުންކުރުމަށް ތައްޔާރީ ޙާލަތަށް ގެނެވިފައިވާ ލެބޯޓަރީކަމަށެވެ. އަދި ކިޓުތަކާއެކު ޓެސްޓުކުރުމަށް ބޭނުންވާ އިތުރު ވަޞީލަތްތަވެސް ޑަބްލިއުއެޗްއޯއިން ފޯރުކޮށްދީފައިވާކަމަށް ޑރ.އަރްވިންދު މާތުރް ވިދާޅުވިއެވެ.

ކޯވިޑް19އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމު ވިދާޅުވީ އައިޖީއެމްއެޗުގެ އަމާޒަކީ އަބަދުވެސް ޤައުމަށް ބޭނުންވާ މިފަދަ ދަނޑިވަޅުތަކުގައި އަބަދުވެސް ފްރޮންޓްލައިންގައި މަސައްކަތްކުރުމުގެ ޤާބިލުތަނަކަށް އެހޮސްޕިޓަލު ހެދުންކަމަށެވެ.

އަދި ދުނިޔޭގައި މިވައިރަސް ފެތުރެމުންދާ ރޭޓަށް ބަލާއިރު ޓެސްޓު ކުރުން އައިޖީއެމްއެޗުގައި ދާއިމީ ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އައިޖީއެމްއެޗުގެ ސީއީއޯ ވިދާޅުވިއެވެ.

ކޯވިޑް19އަށް ޓެސްޓުކުރުމަށް ރާއްޖެއިން މީގެ ކުރިން ސާމްޕަލްތައް ފޮނުވަންޖެހެނީ އިނޑިއާގެ ޕޫނޭއަށެވެ. އެގޮތަށްޓެސްތުކުރާއިރު ގިނަ ދުވަސްތަކެއް ނަތީޖާލިބުމަށް ނަގައެވެ. އެހެންނަމަވެސް މިހާރު ހަމަޖެހިފައިވާ އިނތިޒާމުގެތެރެއިން 10 ގަޑިއިރާއި 12 ގަޑިއިރުގެ ތެރޭގައި އައިޖީއެމްއެޗުގައި ނަތީޖާ ލިބޭނެއެވެ.

ކޯވިޑް19އާއި ދެކޮޅަށް ޑަބްލިއުއެޗްއޯއާއި ގުޅިގެން ޤައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ރާއްޖެއިންވެސް އަންނަނީ މިފިޔަވަޅުތައް އަޅަމުންނެވެ.