ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކުރިއެރުމަށް ފުރުސަތުތަށް ފަހިކޮށްދޭތަނެއްކަން ކަށަވަރުކުރުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ގޮވާލައްވައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިފަދައިން ގޮވާލައްވާފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެސްމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަދުޅުދައްކަވަމުންނެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވަނީ ސްކޫލްތަކުގައި ދަރިވަރުން ހޭދަކުރާ ތަޢުލީމީ ހަޔާތަކީ ދަރިވަރުގެ ކުރިމަގު ބިނާކުރުމުގައި އެންމެ މުހިންމު ދުވަސްވަރުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ދުވަސްވަރަކީ ކުދިންނަށް ކަންކަން ތަޖުރިބާކުރެވި ދިރިއުޅުމުގެ ކަންކަމުގައި އަމިއްލައަށް ނިންމުންތައް ނިންމަން ދަސްކުރަން އެންމެ ރަނގަޅު ދުވަސްވަރުކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިފަދަ ގޮތަކަށް ކަންތައްތައް ކުރެވޭނީ ސްކޫލްގެ ހަތަރު ފާރުން އެތެރެއަކީ ދަރިވަރުންގެ ހުނަރުތަކާއި ޤާބިލްކަން ބަލައިގަންނަ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އަލިއަޅުއްވާލެއްވިއެވެ.
"ކުދިންނަށް އެއްޗެހި ދަސްކުރުމަށް ފުރުސަތު ދޭން ޖެހޭ. ސްކޫލް ދުވަސްވަރަކީ މިކަމަށް އެންމެ މުހިންމު ދުވަސްވަރު. މި ދުވަސްވަރު ކުދިންނަށް ކަންކަމުގައި ގޯސްކޮށް ކަންތައްތައް ކުރެވި ރަނގަޅުކުރުމަށް ފުރުސަތު އޮވޭ. އަޅުގަނޑުމެން ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާއަކީ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި، ކުރިއެރުމަށް ފުރުސަތުތަށް ފަހިކޮށްދޭތަނެއްކަން ކަށަވަރުކުރުން." މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޙާއްސަ އެސެމްބްލީގައި އެ ސްކޫލްގެ އޮންލައިން ނޫސް މަޖައްލާ "އަހުމަދިއްޔާ 1982" ވަނީ އިފްތިތާޙްކޮށްފައެވެ.
މި މަޖައްލާއަކީ ތަޢުލީމީ ޚަބަރުތަކާއި އަހުމަދިއްޔާ ސްކޫލްއާއި ބެހޭ މަޢުލޫމާތު ޝާޢިޢުކުރާ މަޖައްލާއެކެވެ. މީގެ އިތުރުން މި އެސެމްބްލީގައި ވަނީ އަހުމަދިއްޔާ ސްކޫލްގެ ދަށުން އަލަށް ހިންގަން ފަށާ، އަހުމަދިއްޔާ ކެރިއަރ ޓްރެއިނިންގް އިންސްޓިޓިއުޓް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ހުޅުއްވާދެއްވާފައެވެ.
މީގެ އިތުރުން ސްކޫލްގެ ޓީޗަރުންނާއި މުޢައްޒަފުން ލުމަށް ޚާއްސަ ވާކިން ޔުނީފޯމްވެސް މި އެސެމްބްލީގައިވަނީ ތަޢާރަފްކޮށްފައެވެ.