ޚަބަރު

މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާ ޤައުމު ޙިމާޔަތްކުރުން: އޭޖީ


މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، މާދަމާ ޤައުމު ޙިމާޔަތްކުރުން ކަމުގައި ބަަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަމަލުކުރަށް ފެށުމާއި ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، މިޤާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. 19/2019 ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު، ރައީސުލްޖުމުހޫރިއްޔާ ތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައި ވަނީ، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

މިޤާނޫނަށް އަމަލު ކުރަން ފެށުން ފާހަގަކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ކަމަށެވެ.

ބަަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓް --

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް"ގެ ނަމުގައި އުފައްދަން ޖެހެއެެވެ، އަދި މީގެ އިތުރުން މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއްވެސް އުފެއްދުން މިޤާނޫނުން ވަނީ ލާޒިމްކޮށްފައެވެ.