ވިޔަފާރި

ރާއްޖޭގައި ބަނދަރުކުރި އާގު ބޯޓުތަކުގެ އަދަދު ދަށަށް!


މިދިޔަ ޖެނުއަރީމަހު މުދާ ހިފައިގެން 60 އާގު ބޯޓު ރާއްޖެއަށް އައިސްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކޮށްފައިވާ ޖެނުއަރީމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މީގެތެރެއިން 51 އާގު ބޯޓު އައިސްފައިވަނީ މާލެއަށެވެ. އަދި 9 އާގު ބޯޓު މުދާ ބާލާފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ޕޯޓްތަކަށެވެ.

ޖެނުއަރީމަހު ރާއްޖެއަށް މުދާ ހިފައިގެން އައިސްފައިވާ އާގު ބޯޓުތަކުގެ އަދަދަކީ މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް ބަނދަރުކުރި އާގު ބޯޓުތަކުގެ އަދަދާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ރާއްޖެއަށް 60 އާގު ބޯޓު އައިސްފައިވާއިރު މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް 68 އާގު ބޯޓު މުދާ ހިފައިގެން އައިސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މިދިޔަ ޖެނުއަރީމަހު ރާއްޖެ ބަނދަރުކުރި ބޯޓުތައް މަދުވެފައިވާއިރު އިމްޕޯޓް އަދިި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް މިދިޔަމަހު ލިބުނު އާމްދަނީވެސް ވަނީ ދަށަށް ގޮސްފައެވެ. މޯލްޑިވްސް ކަސްޓަމަސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީއާއި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 10 އިންސައްތަ ދަށަށްގޮސްފައެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު ފަތުރުވެރިންނާއި އެކު ރާއްޖެއަށް 15 ކަނޑު ބޯޓު އައިފައިވެއެވެ. މީގެތެރޭގައި ކުރޫސްލައިނަރތަކާއި ޔޮޓްތައް ހިމެނެއެވެ. ކަނޑުމަގުން ރާއްޖެއަށް 3،793 ފަތުރުވެރިއަކު ރާއްޖެއަށްވަނީ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރމަހު ފަތުރުވެރިންނާއި އެކު ރާއްޖެއަށް 19 ބޯޓު އައިސްފައިވެއެވެ. އަދި ޖުމްލަ 6،257 ފަތުރުވެރިއަކު ކަނޑުމަގުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.