ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީން ނެރެގެން އިންޑިޔާއަށް ގެނެސް ކަރަންޓީންކުރި 7 ދިވެހިން ކަރަންޓީނުން ދޫކޮށްލުމުން މިއަދު ރާއްޖެ ގެނެސްފިއެވެ.
މިމީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޚަބާދެންނެވީ، ޚާރިއްޖިއްޔާގެ އިސް ބައެއް ބޭފުޅުންނާއި ސިއްޙީދާއިރާގެ ބައެއް ބޭފުޅުންނެވެ.
ރާއްޖެ އައި މިހަތް މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި ފިރިހެނެއްގެ އިތުރުން 5 އަންހެނުންނެވެ.
ޚާރިޖިއްޔާ އާއި ހެލްތުގެ ބޭފުޅުން ވަނީ މިއަދު ރާއްޖެއައި މި މީހުުންނާއި ބައްދަލު ކުރައްވައި ހާލު އަހުވާލު އޮޅުންފިލުއްވާފައެވެ.
ކަރަންޓީން މުއްދަތުގެ ތެރޭގައި ވައިރަހުގެ އެއްވެސް އަލާމާތެއް މިމީހުންގެ ގައިން ފެނިފައި ނުވާތީ އެމީހުން ރާއްޖެ އައިސް އާއިލާތަކާއެކު އުޅުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މި 7 ދިވެިން ވޫހާންއިން ނެރެގެން އިންޑިއާއަށް ގެންދިޔައީ މިމަހުގެ 2 ވަނަދުވަހުއެވެ. މި އެންމެންވެސް އިންޑިއާއަށް ގެންގޮސްފައިވަނީ ވޫހާންގެ ތިބި އިންޑިއާ ރައްޔިތުން އެ ސިޓީ ނެރުމަށްް އިންޑިއާ ސަރުކާރުން ހަމަޖެއްސި ޚާއްސަ ފްލައިޓެއްގައެވެ. މި ފްލައިޓްގައި 7 ދިވެހިންނާއި އިންޑިއާގެ 323 މީހުން ދަތުރުކުރިއެވެ.
ޗައިނާގައި ޖުމްލަ 50 ދިވެއްސަކު ދިރިއުޅެމުންދިޔަ ނަމަވެސް ސަރުކާރުގައި އެހީގައި ރާއްޖެ އަންނަން ބޭނުންވީ އޭގެތެރެއިން 7 މީހެކެވެ، މި 7 މީހުންނަކީ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި ދިރިއުޅެމުން ދިޔަ 9 ދިވެހިންގެ ތެރޭގައި ހިމެނޭ ބައެކެވެ. ސަރުކާރުންވަނީ ޗައިނާގެ ވުހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.