ޚަބަރު

ބައެއް ރަށްރަށުގައި މަގު ހަދާފައި ވަނީ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް: މިނިސްޓަރ އަސްލަމް


ރާއްޖޭގެ ރަށްރަށުގެ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަޝްރޫއުތައް ހިންގާފައި ވަނީ ވަރަށް އެކަށީގެންވާ ވަރަށް ވުރެ މާބޮޑު ޚަރަދުކޮށްގެން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ،

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތް 2019 ވަނަ އަހަރު ބަޖެޓް ކުރެވިފައި ވީ ނަމަވެސް އެމަސައްކަތް ފެށިފައި ނުވާތީ، އެދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް މެމްބަރުންނަށް އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި ދެއްވި ޖަވާބުގައެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއުތައް ހިންގިފައި ހުރީ މާބޮޑަށްވެސް "އޯވަރ" ޑިޒައިންކޮށް ކަމަށެވެ. މިގޮތުން 25 ޓަނުގެ ބޮޑެތި ކްރޭން ދުއްވޭ ވަރަށް ޑިޒައިންކޮށްގެން ބައެއް ރަށްރަށުގެ މަގުތައް ހެދިފައިވާ ކަމަށާއި އެކަމަކު މިއިން ދުވަހަކު އެއިން ރަށެއްގައި އެވަރުގެ ހެވީ ވެހިކަލްތައް އެރަށްރަށުގައި ނުދުއްވާނެ ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު ވަކި ރަށެއްގެ ނަން ކިޔާކަށް ނެތިން؛ އެކަމަކު ބައެއް ރަށްރަށުގައި މަގުތަށް ހެދިފައި އެބަހުރި، މަތިންދާ ބޯޓު ޖެއްސޭ މިންވަރަށް. އެވަރަށް ޑިޒައިން ކުރެވިފައި އެބަހުރި ހެދިފައި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، އެއީ ވަރަށް ބޮޑަށް "އޯވަރ ޑިޒައިން"އެއް ކަމަށާއި، އެހެންވެސް މަގު ހެދިދާނެ ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް، ޓްރެފިކް މަދު ހިސާބުތަކުގައި، މަގު ހަދާފައި ހުންނަ ގޮތްތައް މަޖިލީހުގެ ގިނަ މެމްބަރުންނަށްވެސް ފެނިވަޑައިގެންފައި ވާނެ ކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، މަގުގެ ޑިޒައިނާއި ގުޅިގެން އެކަމަށް ހިނގާ ޚަރަދުވެސް ބޮޑުވެގެންދާނެ ކަމަށެވެ. އަދި ބައެއް ރަށުގެ މަގު ހަދަމުންދާއިރު، މަގު ހަދަނީ ވަަރަށް ދަށްފެންވަރުގައި ކަމަށް ބުނެ ރަށްރަށުގެ ރައްޔިތުންވެސް ވާހަކަ ދައްކާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އެއްހާސް މީހުންގެ އާބާދީގެ އޮތް ރަށްރަށުގައި، 25 ޓަނުގެ ކްރޭންފަދަ ހެވީ ވެހިކަލް އަރާނެ ތަނެއް ނުފެނޭ. އެކަމަކު 25 ޓަނުގެ ކްރޭން އަރާނެ ކަމަށް ޑިޒައިން ކުރުމަކީ ހަމަ ޔަޤީނުންވެސް އޯވަރ ޑިޒައިން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތާއި ގުޅޭ ގޮތުން އެދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، 31 ޑިސެމްބަރު 2019 ގައި އެމަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލު ކުރެވިފައި ވާކަމަށެވެ. އަދި އެމަސައްކަތް ހަވާލުކުރެވިފައި ވަނ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށާއި، އީއައިއޭ ހެދުމަށާއި ޑިޒައިންގެ ސާވޭތައް ކުރެވެމުންދާ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކިހާރު ފެށިފައިވާ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ރާއްޖޭގެ އާބާދީ މަދު ކުދި ރަށްރަށުގެ މަގުތައްވެސް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރީގެ ސަރުކާރު ތަކުންނާއި މިސަރުކާރުވެސް ކުރިއަށް ގެންދަވައެވެ.